އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން، މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ތިން މައްސަލައެއްގައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެގޮތުން މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި އޭސީސީން ދައުވާކުރުމަށްޓަކައި ފޮނުވާފައިވާ ތިން މައްސަލައިގެ ތެރެއިން، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދައުވާކުރުމަށް ފޮނުވާފައިވަނީ އެންމެ މައްސަލައެއް ކަމަށް އޭސީސީން މައުލޫމާތުދެއެވެ. މި މައްސަލައިގައި އެކަކުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާގައެވެ.
މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި ވެސް ދައުވާކުރުމަށްޓަކައި އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ އެންމެ މައްސަލައެކެވެ. އަދި މި މައްސަލައިގައި ދެ ފަރާތެއް ޝާމިލުވާ އިރު، އެފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ ޖުމްލަ ދެ ބާވަތެއްގެ ދައުވާގައި ކަމަށް އެސީސީން މައުލޫމާތުދެއެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ އިތުރުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާއެވެ.
މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި އޭސީސީން ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގައި، ޖުމްލަ 3,646,500 ރުފިޔާ ހިމެނޭ ކަމަށް އޭސީސީން މައުލޫމާތުދެއެވެ.
އޭސީސީން ބުނީ، ދައުވާކުރުމަށްޓަކައި އެ ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން، ޖުމްލަ 12 މައްސަލަ މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އަނބުރާ ފޮނުވާފައިވަނީ ތިން މައްސަލައެވެ.
މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ކޮމިޝަނަށް ފޮނުވާފައިވާ 12 މައްސަލައިގެ ތެރެއިން، ހަ މައްސަލައަކީ ތަފާތު ސަބަބުތަކަށްޓަކައި ދައުވާ ނުކުރުމަށް ނިންމައި އެ އޮފީހުން އަނބުރާ ފޮނުވާފައިވާ މައްސަލަތަކެއް ކަމަށްވެސް އޭސީސީން ބުންޏެވެ.