ޚަބަރު

އެމްއެމްޕީއާރުސީ މައްސަލަ ބެލުމަށް ވަކި ކޮމިޓީއެއް ހެދުމަށް ޖާބިރު ހުށަހެޅި ހުށަހެޅުން ބަލައެއް ނުގަތް

މަރިޔަމް ޝަހުދާ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި ވަކި ކޮމިޓީއެއް ހެދުމަށް މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅި ހުށަހެޅުން ބަލައެއް ނުގަނެވޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މަޖިލީހަށް ޖާބިރު ހުށަހެޅުއްވި ސިޓީއަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ނަޝީދަށް ޖާބިރު ފޮނުއްވި މިސިޓީގައި އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގު ހިނގަނީ ސިޔާސީ ނުފޫޒާއެކު ކަމަށް ޖާބިރު ތުހުމަތު ކުރައްވާފައިވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލަ ބެލުމަށް މަޖިލީހުގައި ވަކި ކޮމިޓީއެއް ހަދަން ޖެހޭ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ ކޮމިޝަނެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މި ކޮމިޝަނަށް މަޖިލީހުން ގާނޫނީ ބާރުދީ، އެކޮމިޝަން މަޖިލީހަށް ޖަވާބުދާރީ ކުރެވޭކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި މިހެން ކަން ހިނގާއިރު މަޖިލީހުގައި މި މައްސަލަ ބެލުމަށް ވަކި ކޮމިޓީއެއް އުފެއްދުމަށް ފެނިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޖާބިރުގެ ސިޓީއަށް ރައީސް ނަޝީދު މިފަދައިން ޖަވާބުދެއްވުމުން މިއަދު ރައީސް ނަޝީދަށް ޖާބިރު ފޮނުއްވި ސިޓީއެއްގައި، ރައީސް ސޯލިހަށާއި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ ކަމަށް ތުހުމަތުކުރައްވައިފައެވެ. އަދި މި ދެފަރާތުގެ މައްސަލަ ސަރުކާރުން އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ބެލޭނެ ގޮތް ހަމަޖައްސައި ދިނުމަށް ޖާބިރު އެދިފައެވެ. މީގެ އިތުރުން ރޮޒައިނާގެ މައްޗަށް ހިޔާނާތުގެ ތުހުމަތު ކުރެވޭ އިރު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވި ރޮޒައިނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް އެމަގާމުގައި ހުންނެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ޖާބިރު ފާހަގަ ކުރެއްވިއެވެ. އަދި އެ މަގާމުން ނާޝިޒް ދުރުކޮށް، މާލިއްޔަތު ކޮމިޓީގައި ނާޝިޒަށް ނީނދެވޭނެ ގޮތަށް ފިޔަވަޅު އެޅުމަށް ޖާބިރު ގޮވާލާފައިވެއެވެ.