ކުރިން އުމްރާގެ އަޅުކަން އަދާކޮށްފައިވާ ފަރާތްތަކުގެ އަތުން ރިޕީޓާސް ފީގެ ނަމުގައި ނަގަމުން އައި 2000 ރިޔާލު ނުނަގާ ގޮތަށް ހަމަޖައްސައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އުމްރާގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ދާ އުމްރާވެރިންގެ ވިސާ ޖެހުމަށް ނަގާ އަގުތަކަށް ސައުދީގެ ކަމާބެހޭ މުއައްސަސާތަކުން މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ކުރިން އުމްރާގެ އަޅުކަން އަދާކޮށްފައިވާ ފަރާތްތަކުން އަލުން އުމްރާ އަދާކުރާ ނަމަ ރިޕީޓާސް ފީގެ ގޮތުގައި ދައްކަންޖެހޭ 2000 ރިޔާލު މިހާރު ދައްކަން ނުޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ވިސާގެ ފީގެ ގޮތުގައި ހުރިހާ އުމްރާވެރިންގެ އަތުންވެސް މިހާރު ނަގާނީ 300 ރިޔާލު ކަމަށާއި މީގެ އިތުރުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ދިވެހިރާއްޖޭގައި ހުންނަ ސައުދީގެ އެމްބަސީން މައުލޫމާތުދޭ ކަމަށެވެ.
ތަފާތު އެޖެންޓުން މެދުވެރިކޮށް ވިސާ ނަގާ އިރު، އެފަރާތްތަކުންދޭ ހިދުމަތްތަކާ ގުޅިގެން އެފަރާތްތަކުން އިތުރު ފައިސާ ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްބަސީން މައުލޫމާތުދެއެވެ. ނަމަވެސް އެއީ ސައުދީ އަރަބިއްޔާގެ ސަރުކާރުން އަންގައިގެން ނަގާ ފީތަކެއް ނޫންކަމަށްވެސް ސައުދީ އަރަބިއްޔާގެ އެމްބަސީއާ ހަވާލާދީ އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.