ޚަބަރު

މަޖިލީހުގެ ރައީސަކީ ޖޯކަރަކަށް ވެގެން ނުވާނެ: ޑރ. ޖަމީލު

އާނިފާ ހުސެއިން ސިރާޖް

މަޖިލީހަކީ ގައުމެއްގެ އެންމެ ސީރިއަސް އެއް މަސައްކަތްކުރާ ތަން ކަމަށްވާއިރު، މަޖިލީހުގެ ރައީސަކީ ޖޯކަރަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ، ސްކޫލު ތަކުގައި ދަރިވަރުންނަށް އަދަބުދޭ ފަދަ ގޮތްގޮތަށް، މަޖިލީހުގެ ބައެއް މެންބަރުންނަށް މަޖިލީހުގެ ރައީސް އަދަބު ދެއްވަމުންދާތީއެވެ.

އެގޮތުން މަޖިލީހުގެ ރައީސް ވަނީ، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު މަޖިލީހުގެ ތަޅުމުގައި ދުންމާރި ފުންމެވި މައްސަލައިގައި، "ދެން ތިމަންނާ މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުމޭނަން" މިހެން 100 ފަހަރު ލިޔުއްވުމަށާއި އަދި އިއްޔެގެ ޖަލްސާގައި ވެސް އެކަން ތަކުރާރު ކުރެއްވުމުން މަޖިލިސް މާލަމުގެ ފާރަށް މޫނު ލައްވައިގެން ކޮޅަށް ހުންނެވުމަށް އަންގަވައިފައެވެ.

މީގެ އިތުރުން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ސުވާލުކުރުމަށް މިއަދު މަޖިލީހަށް ހާޒިރުކުރުމުން، އެކަމަނާ މަޖިލީހަށް ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހަށް ޕުރިންސިޕަލެއް ބޭނުންވެފައިވާ ވަގުތެއްގައި ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިނިސްޓަރު ދެއްކެވި ވާހަކަފުޅު ފުރިހަމަކަމުން އެކަމަނާއަށް ދޭނީ އޭ ސްޓާއެއް ކަމަށް ވެސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޑރ. ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހަކީ ގައުމެއްގެ އެންމެ ސީރިއަސް އެއް މަސައްކަތްކުރާ ތަން ކަމަށްވާއިރު، އެއީ އަމިއްލަ ވާހަކަދައްކައި މަޖާ ކުރުމަށާއި ފާޑުފާޑުގެ ކޫސަނި އަދަބުދީ، އަމިއްލަ ގޮތްތައް ގެންގުޅެން އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ކުރައްވާ އެފަދަ ކަންކަން ބައެއް މީޑިއާތަކަށް މަޖާ ކަމަކަށްވާތީ އެކަމާ ޖަމީލު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"ދުނިޔޭގެ އެއްވެސް މަޖިލީހެއްގައި އެފަދަ އަމިއްލަ ގޮތްތައް ގެންގުޅެ، މަޖާކުރަން ހުއްދައެއް ނުކުރޭ. މަޖިިލިސް ހިންގަން ޖެހޭނީ ގަވާއިދާއި އުސޫލުތަކުގެ ދަށުން،" ޑރ. ޖަމީލު ވިދާޅުވެފައިވެއެވެ.