ޚަބަރު

ސްކޫލްތަކުގެ ޖާގަ 1000 އަށް ވުރެ ބޮޑު ނުކުރުމަށް މަސައްކަތް ކުރާނަން: މިނިސްޓަރު

މަރިޔަމް ޝަހުދާ

ކޮންމެ ސްކޫލެއްގައި 800 އާއި 1000އާ ދެމެދުގެ އަދަށް ވުރެ ކުދިން ގިނަނުކުރުން އެޑިއުކޭޝަނުން މަސައްކަތް ކުރާކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ޓީޗަރުންގެ މުސާރަ ބޮޑުކުރާނެ އިރެއް ސާފުކުރަން މިއަދު މަޖިލީހަށް މިނިސްޓަރު ހާޒިރުކޮށް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އަންނަ އަހަރު މާލެ ސިޓީ ސަރަހައްދުގައި އަލަށް ހުޅުވާ ސްކޫލުން ދަރިވަރުންނަށް ޖާގަ ދޭ ގޮތާއި ގުޅޭ ގޮތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ 2020ގައި އެސްކޫލް ފަށާނީ 400 ކުދިންގެ ޖާގައާއެކު ގްރޭޑު އެކަކުން ހަޔަކަށް ކިޔަވައިދޭން ކަމަށެވެ. އަދި ދެން ކޮންމެ އަހަރަކު އިތުރު ގްރޭޑެއް އެ ސްކޫލްގައި ކިޔަވައިދޭން ފަށާނެ ކަމަށާއި، ނަމަވެސް 1000 ކުދިންނަށް ވުރެ ގިނަ ކުދިންނަށް އެ ސްކޫލުން ޖާގަ ދިނުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

''އިއްޒުއްދީން ސްކޫލަށް 2020 ވަނަ އަހަރު އަޅުގަނޑުމެން މި ގަސްތުކުރަނީ 400 ކުދިން ވެއްދުމަށް. ހަގީގަތުގައި މިހާރު އަޅުގަނޑުމެން ބޭނުންވަނީ މަދަރުސާއެއްގައި ނުވަތަ ސްކޫލެއްގައި 800 އާ 1000އާ ދެމެދުގަ ކުދިން ތިބެން. އެއަށްވުރެ ސްކޫލް ބޮޑު ކުރާކަށް އަޅުގަނޑުމެން ގަސްތެއް ނުކުރަން. އެއީ ދިރާސާތަކުން ދައްކާގޮތުގައި ރަނގަޅު ސްކޫލެއް މެނޭޖް ކުރެވޭނީ މި މިންވަރުގައި ސްކޫލްގެ ޕޮޕިއުލޭޝަން ބެހެއްޓީމަ'' މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 2021 އިން ފެށިގެން ކޮންމެ އަހަރަކު އިއްޒުއްދީން ސްކޫލަށް އާ ގްރޭޑެއް ތައާރަފް ކުރަމުން ގެންދާނެ ކަމަށެވެ.

މިއަދު މަޖިލީހުގައި މިނިސްޓަރު އައިޝަތު އަލީ ވަނީ ދިވެހި މުދައްރިސުން މަދުވުމުގެ އިތުރުން މި ދާއިރާއަށް އަލަށް ވަންނަ ކުދިން މަދުވާ ސަބަބުތަކާ ގުޅޭގޮތުން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. އެގޮތުން މުދައްރިސުން މަސައްކަތް ކުރާ މިންވަރާއި، މަސައްކަތްކުރާ ހާލަތާއި މަސައްކަތުގެ މާހައުލުގެ އިތުރުން ކިޔެވުމަށް އުޅޭ ހާލަތު ސިފަ ކުރައްވާ މިނިސްޓަރު ވިދާޅުވީ މިއީ ހައްތަހާވެސް މިދާއިރާ ހިޔާރުނުކުރުމަށް ގިނަ ކުދިން ނިންމާ ސަބަބުތައްކަމަށެވެ. އަދި މިކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަސައްކަތުގެ ތެރެއިން ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުގެނެސް ޕޭ ކޮމިޝަނަށް ހުށަހެޅިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި ޓީޗަރުންގެ އިތުރުން އެޑިއުކޭޝަން ދާއިރާ އެންމެންގެ މުސާރައިގެ އާ އޮނިގަނޑެއް އެކުލަވާލާ ޕޭކޮމިޝަނާއި މިހާރު ހަވާލުކުރެވިފައިވާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ޓީޗަރުން ތަމްރީނު ވުމަށް ނުވަތަ ކިޔެވުމަށް ކުރާ ދަތުރުތަކަށް ނިމުމެއް ގެނައުމަށް ޓީޗަރުންނަށް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލްތަކުގައި ނަމާދުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތާމެދު މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ސްކޫލުތަކުގައި ނަމާދުކުރަން ވަކި ހާއްސަ ތަނެއް ހުންނަންޖެހޭ ކަމަށް ގަބޫލުނުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މިހާރުވެސް އެކި ސްކޫލްތަކުގައި ނަމާދު ކުރުމަށް ވަކި ހާއްސަ ޖާގައެއް ހުރި ކަމަށާއި، އެތަނުގައި ޖަމާއަތުގައި ނަމާދު ކުރަމުން ދާކަމަށެވެ. އަދި ކޮންމެހެން ނަމާދު ކުރުމަށް ވަކި ސަރަހައްދެއް ކަނޑައެޅިފައި ނެތް ނަމަވެސް، ކްލާހުގައިވެސް އަދި ސްކޫލްގެ ކޮންމެ ތަނެއްގައިވެސް ނަމާދު ކުރެވޭނެ ކަމަށާއި، ބައެއް ސްކޫލްތަކުން މިހާރުވެސް މިކަން މިހެން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރީ އަށް ބަޖެޓު ލިބޭ މިންވަރުން ހުރިހާ ސްކޫލެއްގައި ނަމާދު ކުރަން ހާއްސަ ތަންތަން އަޅަމުން އަންނަ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މިނިސްޓަރުގެ ވާހަކައަށް ތާއީދުކޮށް މަޖިލީހުގެ ރައީސް ނަޝީދުވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނުގެ ސްކޫލްދުވަސްވަރު ޖަމާއަތުގައި ނަމާދު ކުރުމަށް ދަރިވަރުން އެއްކޮށް މިސްކިތައް އަރާކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލު ތަކަށް މިނިސްޓަރު ވަނީ ތަފްސީލުކޮށް ޖަވާބު ދެއްވާފައެވެ. މިކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާގައި މިނިސްޓަރަށް އަމާޒުކުރެއްވި ސުވާލުތަކަށް ތަފްސީލު ކަމާއެކު، އިތުބާރާއި، މައުލޫމާތު ރަނގަޅަށް އެނގިހުރެ މިނިސްޓަރު ޖަވާބުދެއްވާފައިވާކަމަށެވެ.