އެޑިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ

ރަކީދޫގައި ސްކޫލެއް އެޅުމުގެ ސާވޭ ފަށައިފި، ސްކޫލަށް ނަންދިނުން އެކަށީގެންވަނީ އިބްތިހާލްގެ ހަނދާނުގައި

މަރިޔަމް ޝަހުދާ

2

ވ. ރަކީދޫގައި ސްކޫލެއް އެޅުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވުމުން، ރަކީދޫގައި އަޅާ ސްކޫލަށް އިބްތިހާލްގެ ނަމުން ނަން ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ މިއަދު މަޖިލީހުގައި މިނިސްޓަރު އައިޝަތު އަލީއާއި ސުވާލު ކުރުމުގެ ތެރެއިން ދިއްގަރު ދާއިރާގެ މެންބަރު އިކުރާމް ހަސަން ކުރެއްވި ސުވާލަކަށް މިނިސްޓަރު ދެއްވި ޖަވާބާއި ގުޅުވައިގެންނެވެ.

މެންބަރު އިކުރާމް ވަނީ ރަކީދޫގައި ސްކޫލެއް ގާއިމު ކުރުމުގެ ވިސްނުމެއް މިނިސްޓްރީން ގެންގުޅޭތޯ ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އާއިޝާ ވަނީ ރަކީދޫގެ މިހާރުގެ ހާލަތު ބަޔާންކޮށްދެއްވާފައެވެ. އަދި ރަކީދޫގައި ސްކޫލެއް އުޅުމުގެ މަސައްކަތުގެ ތެރެއިން ސާވޭއެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މި ސާވޭއަކީ އެ ރަށުގައި ސްކޫލެއް ގާއިމު ކުރުމަށް ބޭނުންވާ މައުލޫމާތުތައް ސާފުކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ސާވޭގައި ރަކީދޫގައި ސްކޫލެއް ގާއިމު ކުރުމަކީ ކިހާ ފީސިބަލް ކަމެއްތޯ ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރަކީދޫގައި ސްކޫލެއް ގާއިމު ކޮށްފި ނަމަ އެތާގައި ކިޔަވައިދެވޭނީ ކޮން ގްރޭޑް ތަކަކަށްތޯ މި ސާވޭއިން އެނގިގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިބްތިހާލް އަކީ 2015 ވަނަ އަހަރު އަނިޔާ ކުރުމުގެ ސަބަބުން ރަކީދޫގައި މަރުވި އުމުރުން ތިން އަހަރުގެ ތުއްތު ކުއްޖެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟