އެޑިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ

ދިރިއުޅެން އެކަށޭނެ އާމްދަނީއެއް ޓީޗަރުންނަކަށް ނުލިބޭ، ރަނގަޅު ޓީޗަރުން ނުލިބެނީ ވެސް އެހެންވެ: މިނިސްޓަރު

އާއިލާ ގޮވައިގެން އުފާވެރި ދިރިއުޅުމެއް އުޅެވޭނެ އެކަށީގެންވާ އާމްދަނީއެއް ޓީޗަރުންނަށް ނުލިބޭ ކަމަށާއި ސްކޫލުތަކަށް ބޭނުންވާ ރަނގަޅު ޓީޗަރުން ނުލިބެނީވެސް އެހެންވެގެން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އެޑިޔުކޭޝަން މިނިސްޓަރު މިހެން ވިދާޅުވީ ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު ކުރެއްވި ސުވާލުތަކަށް މަޖިލީހުގައި ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު އާއިޝާ ވިދާޅުވީ ލިބޭ އާމްދަނީ އަކީ ރަނގަޅު ޓީޗަރުން ނުލިބުމާއި ކިޔަވައިގެން އަލަށް ނިކުންނަ ޒުވާނުން މި ދާއިރާއަށް ނުވަނުމުގެ މައިގަނޑު ސަބަބުކަމަށް ވީ ނަމަވެސް، މި ކަމާ ގުޅޭ އިތުރު ސަބަބުތައް ވެސް އެބަ ހުރި ކަމަށެވެ. އެ ގޮތުން ޓީޗަރުން ކޮންމެ ދުވަހަކު ވެސް ހަތް ގަޑި އިރާއި 12 ގަޑިއިރާ ދެމެދުގެ އަދަދަކަށް މަސައްކަތް ކުރާ ކަމަށާއި ސްކޫލާއި ސްކޫލުން ބޭރުގައި ވެސް ދަރިވަރުންނާ ގުޅުން ހުންނަ މަސައްކަތްތައް ޓީޗަރުން ކުރާ ކަމަށާއި ހަފުތާ ބަންދުގައި ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ސްކޫލު ތަކުގެ މާހައުލަކީ ވެސް އެހެން ވަޒީފާތަކާ އަޅައި ބަލާ އިރު އެންމެ އެކަށީގެންވާ ގޮތަށް އިންތިޒާމު ކޮށްފައި ހުރި މާހައުލުތަކެއް ނޫން ކަމަށާއި ވަސީލަތްތަކަށް ބަލާ އިރު ސްކޫލުތައް އަދިވެސް ހުރީ ރަނގަޅަށް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބައެއް ސްކޫލުތައް މިއަދު ވެސް ހުރީ ވަރަށް ހާލުގަ. އެކަންކަން ރަނގަޅުކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައެއް ވެސް ނެތް. މިއަދުވެސް ބައެއް ސްކޫލުތަކުގައި ތިން ހަތަރު ޓީޗަރުން އެންމެ މޭޒެއް އެބަ ޝެއާ ކުރޭ." މިނިސްޓަރު އާއިޝާ ވިދާޅުވި އެވެ.

މިނިސްޓަރު އާއިޝާ އިތުރަށް ވިދާޅުވީ ޓީޗަރުންނަކީ ކުރީން ވަރަށް ގަދަރުވެރި، އިހުތިރާމު ލިބިގެންވާ ބައެއް ކަމަށާއި އެހެން ނަމަވެސް މިއަދު އެކަން އޮތީ އެހެން ނޫން ކަމަށެވެ. އެ ގޮތުން މުޖުތަމައު ތެރެއިން ޓީޗަރުންނަށް އަންނަ ފިއްތުން ތަކާއި ޕްރެޝަރަކީ ވެސް ފާހަގަކޮށްލެވޭ ސީރިއަސް މައްސަލައެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ ރަނގަޅު ޓީޗަރުން މި ދާއިރާއަށް ނެރުމަށް ހުރި މި ގޮންޖެހުންތައް ހައްލުކުރުމަށް ހާއްސަ މަސައްކަތްތަކެއް ރާއްވަވައިގެން މިހާރު ކުރިޔަށް އެބަ ގެންދަވާ ކަމަށާއި އޭގެ ތެރެއިން އެންމެ މުހިންމު މައްސަލަ ކަމަށްވާ މުސާރަ ބޮޑު ކުރުމުގެ ކަންތައް ޕޭ ކޮމިޝަނުން ވަރަށް އަވަހަށް ނިންމަވައިދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. ސްކޫލުތަކުގައި ދެދަންފަޅިޔަށް ކިޔަވައިދޭން ޖެހުމުން ޓީޗަރުންނަށް އާދަޔާ ހިލާފު ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރާން ޖެހި އާއިލާއަށް ވަގުތު ނުދެވޭތީ، ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިޔަށް އެބަ ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.