ރައްޔިތުންގެ މަޖިލީހަށް ޕްރިންސިޕަލެއް ބޭނުންވެފައިވާ ވަގުތެއްގައި، މިނިސްޓަރު އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު އަލީ އެމަޖިލީހަށް ވަޑައިގަތުމަކީ އުފާކުރައްވާ ކަމެއް ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް، ނަޝީދު މިހެން ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއީޝަތު އަލީއާ ސުވާލުކުރުމަށް މަޖިލީހުގައި މިހާރު ކުރިޔަށްދާ ސެޝަންގަ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި އިރު، ސްކޫލު ތަކުގައި ދަރިވަރުންނަށް އަދަބުދޭ ފަދަ ގޮތްގޮތަށް، މަޖިލީހުގެ ބައެއް މެންބަރުންނަށް މަޖިލީހުގެ ރައީސް އަދަބު ދެއްވާ ވާހަކަ ވަނީ އާންމުވެފަ އެވެ.
އެގޮތުން، މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު ދުންމާރި ފުންމެވި މައްސަލައިގައި، ދެން އެކަން ނުކުރައްވާނެ ކަމަށް ބުނެ ވަކި އިބާރާތެއް 100 ފަހަރު ލިޔުއްވަން މަޖިލީހުގެ ރައީސް ވަނީ ތޯރިގަށް އަންގަވައިފަ އެވެ. އަދި އިއްޔެ އަނެއްކާވެސް ތޯރިގު އެކަން ތަކުރާރު ކުރެއްވުމުން، މަޖިލީހުގެ ރައީސް ތޯރިގަށް އެންގެވީ މަޖިލިސް ޖަލްސާއިން ނިކުންނަވައި، މަޖިލިސް މާލަމުގެ ފާރަށް މޫނު ލައްވައިގެން ކޮޅަށް ހުންނެވުމަށެވެ.
ތޯރިގަށް ދެން އޮންނާނެ އަދަބަކީ ނީލް ޑައުން ކުރުންތޯ ވެސް ބައެއް މީޑިއާތަކުން މިހާރު އަންނަނީ ސުވާލު އުފައްދަމުންނެވެ.
މިއީ މަޖިލީހަށް ޕްރިންސިޕަލެއް ބޭނުންވެފައިވާ ވަގުތެއް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އިރު، އެމަނިކުފާނު މަޖިލިސް މެންބަރުން ގެންގުޅުއްވަނީ މަދަރުސާއެއްގައި ދަރިވަރުންތަކެއް ގެންގުޅުއްވާ ގޮތަށް ކަމަށް ވެސް ބައެއް މީހުން މިހާރު އަންނަނީ ބުނަމުންނެވެ.