ޓީޗަރުންގެ މުސާރައަށް ބޮޑުކުރާނެ އިރެއް ސާފުކުރަން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ސުވާލުކުރުމަށް އެޖެންޑާ ކޮށްފިއެވެ.
މިނިސްޓަރު ޑރ. އާއިޝަތު އަލީއާ ސުވާލު ކުރުމަށް ހުށަހެޅީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އެވެ.
ޔައުގޫބު އެޑިއުކޭޝަން މިނިސްޓަރުގެ އަރިހުން ސާފުކުރަން ހުށަހަޅާފައިވާ ސުވާލަކީ ޓީޗަރުންގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވޭނީ ކިހާތާކުތޯ އާއި ސުކޫލް ނިންމާ މޮޅެތި ދަރިވަރުން ތައުލީމީ ދާއިރާއާ ދުރަށް ދާތަން ފާއިތުވި 12 ވަރަކަށް އަހަރު ފެންނަމުންދާތީ އެކަން ދިމާވާ ސަބަބާއި އަދި އެކަން ހައްލުކުރަން ކުރައްވާ މަސައްކަތްތަކަކީ ކޮބައިތޯއެވެ.
ޓީޗަރުންގެ މުސާރައާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ މާދަމާ ސުވާލުކުރާއިރު ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
އެގޮތުން މިދިޔަ އޮގަސްޓު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވަނީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްފައިވާ ކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން އިތުރުގަޑީގެ ފައިސާ ދިނުމުގައި ވެސް ހެޔޮ ބަދަލެއް ގެނެސް މުދައްރިސުންގެ މަސައްކަތާ އެކަށޭނަ މުސާރައެއް ދިނުމަށާއި މުދައްރިސުންނަށް ލިބެންޖެހޭ އެހެނިހެން އިނާޔަތްތައް ވެސް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.