ޚަބަރު

ސަރުކާރުން ކަމެއް ނުކުރެވޭކަން ދައްކަން މަޖިލީހުގެ ތެރެއިން ދަނީ މަސައްކަތްކުރަމުން: ގާސިމު

ޝަހީދާ އަބްދުﷲ ސައީދު

ސަރުކާރުން ކަމެއް ނުކުރާކަން ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމު އިބްރާހީމު ވިދާޅުވެއްޖެއެވެ.

ކުނޫޒުގައި މިރޭ ބޭއްވި ޖޭޕީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ އިންސާނުންގެ ހިތް އެދޭ ބާރު މިނުގައި މަސައްކަތް ނުކުރެވޭނެ ކަމަށާއި ނަމަވެސް ސަރުކާރުގެ ދުވެލި ލަސް ނޫން ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށްވީ ވައުދުތައް ފުއްްދުމަށް ރައީސް ސޯލިހު މަސައްކަތް ކުރައްވާ ކަމަށާއި އެގޮތުން ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންތައްތައް ހުރިއިރު، އެކަންކަން ކުރެވޭނީ ރައްޔިތުން ކެތްތެރިވެ ވަގުތު ދީގެން ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ސޯލިހު ގެންދަވަނީ އެންމެންނާމެދު އިންސާފުވެރިކޮށް އަމަލުކުރައްވަމުންކަން ފާހަގަކުރައްވާ ގާސިމު ވިދާޅުވީ، ކުރިން އަނިޔާ ލިބުނު ހުރިހާ އެންމެން އެކަމުން މިއަދު މިންޖުވެފައިވާ ކަމަށެވެ.

''ސަރުކާރުން ފަހަރަކު ކަމެއްދޯ ކުރެވޭނީ. އެކުރާލެއް ލަހީތޯ ނޫނީ މަޑީތޯ ދާލެއް. ބަލަ ހިތަށްއަރާހާ އަވަހަކަށް އިންސާނުންނަށް ކަމެއް ނުކުރެވޭނެ. އެމަނިކުފާނު ވިދާޅުވި ގޮތަށް ކަންތައްތައް ކުރަމުންދާކަން އެބަ އެނގޭ ދެއްތޯ. ދެން މިއަދު އެ އޮތީ ޑިމޮކްރަސީ ނެޓްވޯކް ވެސް ދުއްވާލާފައި. މީހުންނަށް ހަމަޖެހޭ ތަރުތީބަކުން ޓޭބަލު ކުރެވިގެން ކުރެވެމުންދާތަން ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ދެއްތޯ. ކީއްވެތޯ ކެތްމަދުވެގެން މިތެޅި ބާލަނީ. އެބަޔަކަށް ނުލިބޭ މިންވަރަކުން ކަންތައްތަކެއް ވެސް ނުވާނެ ދެއްތޯ,'' ގާސިމު ވިދާޅުވިއެވެ.

ގާސިމު އިތުރަށް ވިދަޅުވީ، ގައުމުގައި މަސްލަހަތު ހިފަހައްޓައި، ފަސާދަ އުފައްދަން މަސައްކަތް ނުކުރުމަށް ގޮވާލައްވައިފައެވެ. އަދި ގައުމު ތަޅުވައި ހަލަބޮލި ކުރުމުގައި ލައްކަ ދުވަސް ފާއިތުވެ، ވޭނާއި ހޫނުގައި ލައްކަ ދުވަހު އުޅެވިއްޖެ ކަމަށް ވިދާޅުވިއެވެ.

''އަބަދު ގައުމުތަޅުވައި ބާލަން ވެއްޖެނަމަ ހޫނުވެގެން ބޮމެއްހެން ގޮވާފާނެ. އޭރުން ކަމަކު ނުދާނެ. އޭރުން އެންމެންނަށް ވެސް ގެއްލުންވާނެ. ވެރިކަން ބޭނުންވެގެން އުޅޭ މީހުންނާއި ވެރިކަން މަތިން ފޫހިވެފައި ތިބި މީހުންނާއި ވެރިކަމުގައި ވަކި މީހަކު ބަހައްޓަން ބޭނުންވާ މީހުންނާއި ދެންް ވެރިކަމަށް އަންނަން ބޭނުންވާ މީހުންނާއި މި ހުރިހާ އެންމެން ވެސް ދާނީ ހަލާކުވެގެން,'' ގާސިމު ވިދާޅުވިއެވެ.