ޚަބަރު

ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ނާޝިޒު، ނައިބަކަށް ބިގޭ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު އަދި ނައިބު މުގައްރިރަކަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ހުސެއިން ހަމަޖައްސައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީ އެއްކޮށްލައިގެން އުފެއްދި ބަޖެޓް ދިރާސާކުރާ ކޮމެޓީން މިރޭ ބޭއްވި ފުރަތަމަ ބައްދަލުވުމުގައި މުގައްރިރު ކަމަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ނާޝިޒު ކަނޑައެޅީ 18 މެމްބަރުން އެކަމަށް ތާއީދު ކުރައްވައިގެންނެވެ.

ނައިބު މުގައްރިރަކަށް އިގުތިސާދީ ކޮމެޓީގެ މުގައްރިރަކަށް ބިގޭ ފާސްވީ ކޮމެޓީގެ އަގުލަބިއްޔަތުންނެވެ.

މީގެ އިތުރުން މިރޭގެ ބައްދަލުވުމުގައި ބަޖެޓު ކޮމެޓީގެ ގަވާއިދު ހުށަހަޅައި ފާސްކުރިއިރު، ބަޖެޓާ ގުޅޭގޮތުން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އޮޑިޓަރު ޖެނެރަލްގެ ހިޔާލު ހޯއްދެއްވުމަށް ކޮމިޓީއަށް ހާޒިރުކުރުމަށް ފާސްކުރިއެވެ.

މިއަދުގެ ބައްދަލުވުމުގައި ނާޝިޒު ވަނީ، ބަޖެޓުގެ ދައުރު ނިމުމުގެ ހަތް ދުވަސް ކުރިން ތަޅުމަށް ފޮނުވަންޖެހޭތީ މިމަހުގެ 20 ވަނަ ދުވަހަށް ބަޖެޓް ދިރާސާކޮށް ނިންމާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށަހެޅީ 37.504 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓް ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، 2020 ވަނަ އަހަރުގެ ބަޖެޓަކީ އެންމެހާ ރައްޔިތުންނަށް ގަދަރުވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް މަގުފަހިކޮށްދޭނެ، ރައްޔިތުންނަށް ބުރަ ބޮޑު ނުވާނެ ގޮތަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށެވެ.