ޚަބަރު

އެމްއީއެސްގައި ހަދާ އާ ސުކޫލު ފަށާނީ ގުރޭޑް 1-6 އަށް، ކުދިން ވައްދަން ހުޅުވާލައިފި

ކުރިން މާލޭ އިންގުލިޝް ސުކޫލް (އެމްއީއެސް) ހިންގި އިމާރާތުގައި ސަރުކާރުން ހިންގަން ނިންމާފައިވާ އާ ސުކޫލުގައި ފުރަތަމަ ކިޔަވައިދޭން ފަށާނީ ގުރޭޑް 1-6 އަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެމްއީއެސް އިމާރާތް މިހާރު ބޭނުން ކުރަމުންދަނީ ގައުމީ ޔުނިވާސިޓީގެ ބައެއް ފެކަލްޓީތައް ހިންގުމަށެވެ. ނަމަވެސް އެ އިމާރާތް އިތުރަށް މަރާމާތުކޮށް ކިޔަވައިދިނުމުގެ ވަސީލަތްތައް ގާއިމުކޮށް ޓީޗަރުން ނެގުމަށް ބަޖެޓުގައި 20.2 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، "އިއްޒުއްދީން ސުކޫލް"ގެ ނަން ދީފައިވާ އެ ސުކޫލަކީ ގުރޭޑް 1 އިން 10 އަށް ކިޔަވައިދޭ އެއް ދަންފަޅީގެ ސުކޫލެއް ކަމަށެވެ.

ނަމަވެސް 2020 ވަނަ އަހަރު ސުކޫލުގައި ކިޔަވައިދޭން ފަށާނީ ގުރޭޑް 1 އިން 6 އަށް ކަމަށެވެ.

އެއީ ގުރޭޑް 1 އިން 4 އަށް ކޮންމެ ގުރޭޑެއްގައި ތިން ކުލާސް، އަދި ގުރޭޑް 5 އިން 6 ގެ ކޮންމެ ގުރޭޑެއްގައި ދެ ކުލާސް ކަމަށެވެ. ކުލާހެއްގައި ޖާގައަކީ ގިނަވެގެން 25 ކުދިންނެވެ.

ގުރޭޑް 7 އިން 10 އަށް ގުރޭޑްތައް ތަރައްގީ ކުރާނީ 2021 އިން ފެށިގެން އަހަރަކުން އަހަރަކުން ގުރޭޑެއް އިތުރުކުރާ ގޮތަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ސުކޫލަށް ވެއްދުމުގައި އަމަލުކުރާނީ މާލޭ ސިޓީގެ އެހެން ސުކޫލްތަކަށް ވެސް ކުދިން ވެއްދުމުގައި އަމަލުކުރާ އުސޫލަށް ކަމަށެވެ.

އެހެންކަމުން ގުރޭޑް 2، 3، 4، 5 އަދި 6 އަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ސިޓީ ހުށަހެޅުއްވުން އެދޭ ކަމަށާއި ދަރިވަރުން ސުކޫލަށް ވެއްދުމުގައި އިސްކަންދޭނީ ސިޓީ ހުށަހަޅާ ތަރުތީބުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.