ޚަބަރު

އެމްއާރުއެމް އުފެއްދުމަށް ބާއްވާ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު، އިންތިގާލީ މަގާމުތަކަށް މީހުން ހޮވާނެ

ޝަހީދާ އަބްދުﷲ ސައީދު

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފައްދަން ބާއްވާ ޖަލްސާގައި އެޕާޓީގެ އަސާސީ ގަވާއިދު ފާސްކޮށް، އިންތިގާލީ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރާނެ ކަމަށް އެމްއާރުއެމުން ބުނެފިއެވެ.

އެމްއާރުއެމުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެ ޕާޓީ އުފެއްދުމަށް، އަންނަ ބުރާސްފަތި ދުވަހުގެރޭ ބާއްވާ ޖަލްސާގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ގާނޫނުގެ 12 ވަނަ މާއްދާ އަދި އެ ގާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޕާޓީގެ އަސާސީ ގަވާއިދު ފާސްކުރާނެ ކަމަށެވެ.

އެ ޖަލްސާގައި ޕާޓީގެ ފުރަތަމަ ކޮންގުރެސް ބޭއްވުމާއި ހަމަޔަށް އިންތިގާލީ މަރުހަލާގައި ކަންކަން ކުރާނެ ގޮތުގެ ބާބެއް އެކުލަވައިލާފައިވެއެވެ. އެބާބުގެ ދަށުން ޕާޓީގެ އިންތިގާލީ މަގާމުތަކަށް މެމްބަރުން އިންތިހާބުކޮށް، މަގާމުތަކަށް ނަން ހުށަހެޅުމާއި އިންތިހާބު ކުރުން ވެސް އެ ޖަލްސާގައި އޮންނާނެ ކަމަށް އެމްއާރުއެމުން ބުނެއެވެ.

އެގޮތުން އިންތިގާލީ ރައީސަކު އިންތިހާބުކޮށް، އިންތިގާލީ އެގްޒެކްޓިވް ކޮމެޓީއަށް 20 މެންބަރުން އިންތިހާބު ކުރާނެއެވެ. އެމްއާރުއެމުން ބުނީ، އިންތިގާލީ އެގްޒެކެޓިވް ކޮމިޓީއަށް ހޮވާ 20 މެމްބަރުންގެ ތެރެއިން ދިހަ މެންބަރުންނަކީ އަންހެނުންނަށްވާން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން އިންތިގާލީ ޒުވާނުންގެ ކައުންސިލަށް 30 އަހަރު ނުފުރޭ 15 މެންބަރުން އިންތިހާބުކުރާއިރު އޭގެ ތެރޭގައި އެންމެ ގިނަ ވޯޓް ލިބޭ ހަ މީހަކު އިންތިގާލީ އެގްޒެކްޓިވް ކޮމެޓީގައި ހިމެނިގެންދާނެ އެވެ. އަދި އިންތިގާލީ އަންހެނުންގެ ކައުންސިލަށް ވެސް 20 މެންބަރުން އިންތިހާބުކުރާނެ ކަމަށް އެމްއާރުއެމުން ބުނެއެވެ.

އެމްއާރުއެމް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން އަދި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނަށެވެ.