ޝަހީދާ އަބްދުﷲ ސައީދު
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އޮތް ގޮތުން ކުރީގެ ރައީސް އަބުދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިން މައްސަލައިގައި އިންސާފު ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް ޔާމީނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދައުވާގެ ޝަރީއަތް ނިމި، މިއަދު ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ތާވަލުކޮށްފައިވަނިކޮށް، މައްސަލަ ބައްލަވައި ގާޒީ އަހުމަދު ހައިލަމު ސަސްޕެންޑް ކުރުމާ ގުޅިގެން ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޑރ. ޖަމީލު ވިދާޅުވީ މީހެއްގެ މައްޗަށް ޝަރީއަތެއް ކުރުމަކީ އެއީ ކުޑަކަމެއް ނޫން ކަމަށާއި ޝަރީއަތުގައި އެމީހަކަށް ލިބިދޭންޖެހޭ ދިފާއީ ހައްގުތަކާއި ދައްކަންޖެހޭ ވާހަކަތައް ދެއްކުމުގެ ފުރުސަތު ލިބިދޭންޖެހޭނެ ކަމަށެވެ. އަދި ދައުވާ ރައްދުވާ ފަރާތަށް އިންސާފުވެރި ފަނޑިޔާރުގެއަކާއި އިންސާފުވެރި ފަނޑިޔާރެއް ލިބުމަކީ އެއީ ދުސްތޫރުގެ އެންމެ މުހިންމު އެއް އަސާސް ކަމަށް ޖަމީލު ވިދާޅުވިއެވެ.
''މިއަދު ރައީސް ޔާމީނުގެ މައްޗަށް ކުރެވުނު ޝަރީއަތުގެ ހުކުމާ ހަމައަށް ވާސިލުވެފައިކަން ހުރިހާ ރައްޔިތުންނަށް އެނގިފައި އޮތީ. މުޅި ރާއްޖެ އިންތިޒާރުކޮށްގެން އޮތީ މި ހުކުމް އަޑުއަހަން. ނަމަވެސް އަޅުގަނޑުމެންނަށް މިއަދު ގަބޫލެއް ނުކުރެވޭ ފަނޑިޔާރުގޭގެ ކަންތައްތައް ބެލުން މަތިވެފައިވާ ޖޭއެސްސީގެ އަމަލުތައް ހުރި ގޮތުން ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބިދާނެކަމާ މެދު. ގަބޫލެއް ނުކުރެވޭ މިހާރު އޮތް ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ޖޭއެސްސީގެ އަމަލުތައް ހުރި ގޮތަށް ބަލާއިރު ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމަކަށް.'' ޑރ. ޖަމީލު ވިދާޅުވިއެވެ.
ޑރ. ޖަމީލު ވިދާޅުވި ގޮތުގައި ޖޭއެސްސީއަކީ ގާނޫނީ ގޮތުން ހިފެހެއްޓުމެއް ނެތް ހުދޫދެއްގެ ތެރޭގައި ހަރަކާތްތެރިވުމުގެ ޖާގަ ލިބިދީފައިވާ ބޮޑީއެއް ނޫނެވެ. ޖޭއެސްސީގެ ގާނޫނުގެ ތެރޭގައި މެމްބަރުން ހަރަކާތްތެރިވާންވީ ގޮތް ވަރަށް ރަގަޅަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކާ ގުޅިގެން ޖޭއެސްސީން އަމަލުކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ ފަނޑިޔާރުންނާ މެދު ސުލޫކީ ފިޔަވަޅު އަޅަންޖެހޭ އުސޫލުތައްވެސް ގާނޫނުގައި ބަޔާންކޮށްފައިވާނެ ކަމަށާއި އެއްވެސް ފަނޑިޔާރަކާ މެދު އިންސާފުން ބޭރުން ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށެވެ.
ފަނޑިޔާރަކު ނިންމާ ނިންމުންތައް ބަދަލު ކުރުމުގެ ބާރު ޖޭއެސްސީއަށް ނޯންނާނެކަން ފާހަގަކުރައްވައި ޖަމީލު ވިދާޅުވީ ފަނޑިޔާރަކު ނިންމާ ނިންމުމުގެ ސަބަބުން އެ ފަނޑިޔާރަކަށް ފިޔަވަޅު އެޅުމުގެ ބާރުވެސް ޖޭއެސްސީއަށް ގާނޫނުން ލިބިދީފައިނުވާ ކަމަށެވެ.
ޑރ. ޖަމީލު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ޖޭސްސީގެ އަމަލުތައް ހުރި ގޮތަށް ބަލާއިރު ސުޕްރީމް ކޯޓުގެ އިހުތިސޯސް ތެރެއަށް ޖޭއެސްސީ ވަދެ، އަދި ހައިކޯޓާއި ރާއްޖޭގެ އެހެނިހެން ކޯޓުތަކުގެ އިހުތިސޯސްއަށް އަރައިގެންފައިވާ މަންޒަރު ކަމަށެވެ. ފަނޑިޔާރުންގެ ގާނޫނާއި ގާނޫނު އަސާސީގައިވެސް ބަޔާންކޮށްފައިވާ ފަދައިން ޖުޑީޝަރީގެ ބެލެނިވެރި ފަރާތަކީ ޖޭއެސްސީ ނޫން ކަމަށާއި ޖޭއެސްސީގެ ހައިސިއްޔަތު މިހާރު ޖޭއެސްސީއަށް އޮޅިފައިވާ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.