އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) ސަމިޓުގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިމަހު ފަހަކުން ހަތަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ކުރިއަށްގެންދާ އަޔޯރާ ސަމިޓުގެ ކައުންސިލް އޮފް މިނިސްޓާސްގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހު މިނިސްޓަރު ޝާހިދު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަޔޯރާއަކީ އިންޑިއާގެ ކަނޑާއި ގުޅިފައިވާ ގައުމުތަކުގެ ޖަމިއްޔާއެކެވެ. 1997 ވަނަ އަހަރުގެ މާޗް މަހު އުފެދުނު މި ޖަމިއްޔާ އުފެއްދުމުގެ ހިޔާލު އެންމެ ފުރަތަމަ ފާޅުކުރީ ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ 1995 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އަޔޯރާގެ ނިންމުންތައް ނިންމައި އެންމެ އިސް ގުނަވަނަކީ ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ އެކި ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެވެ. ރާއްޖެއިން މި ޖަމިއްޔާގައި ރަސްމީކޮށް ބައިވެރިވުން މިފަހަރުގެ ޖަލްސާގައި އޮންނާނެއެވެ.
އަޔޯރާގެ މެމްބަރު ގައުމުތަކުގެ އިސް އޮފިޝަލުންގެ ބައްދަލުވުން މިއަދު ވަނީ ބާއްވައިފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު ޑރ.ހުސައިން ނިޔާޒު ބައިވެރިވެވަޑައިގެންނެވިއެވެ.