ޚަބަރު

ރާއްޖޭގެ އިސްލާމީ ވަހުދަތު ހިފެހެއްޓުމަށް ރައީސް ގެންގުޅުއްވާ ހިކުމަތްތެރި އުސޫލުތަކަށް މަރުހަބާ ކިޔަން: އިލްޔާސް

މަރިޔަމް ޝަހުދާ

ރާއްޖޭގެ އިސްލާމީ ވަހުދަތު ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ހިކުމަތްތެރި އުސޫލުތަކަށް މަރުހަބާ ކިޔުއްވާ ކަމަށް ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ޝެއިޚް އިލްޔާސް މިހެން ވިދާޅުވެފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އުވާލުމާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެމްޑީއެން އުވާލާފައިވަނީ އެ ޖަމިއްޔާއިން ނެރެފައިވާ ''ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް'' ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފުވާ ފަދަ ލިޔުން ހުރުމާ ގުޅިގެންނެވެ. ޝެއިޚް އިލްޔާސް ވިދާޅުވީ ރާއްޖޭގެ އިސްލާމީ ވަހުދަތު ހިފެހެއްޓުމަށް ރައީސް ގެންގުޅުއްވާ ހިކުމަތްތެރި އުސޫލުތަކަށް މަރުހަބާ ކިޔާ ކަމަށެވެ.

''އެމްޑީއެން އުވާލުމަށް ރައްޔިތުން ކުރި އިލްތިމާސް އަޑު އައްސަވާ އެކަން ތަހުގީގުކޮށް އެ ޖަމިއްޔާ އުވާލީތީ ﷲ އަށް ހަމްދާއި ޝުކުރު ކުރަން،'' ޝެއިޚް އިލްޔާސް ވިދާޅުވެފައިވެއެވެ.

އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނުގެ އަސާސްތަކާއި ހިލާފު ކަންކަން ހިމަނާފައިވުމުގެ އިތުރުން ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ހުރި ވާހަކަތަކުގެ ސަބަބުން ގިނަ ބަޔަކު ވަނީ އެ ޖަމިއްޔާ އުވަލައި، އެ ރިޕޯޓު ލިޔުން ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. ޝެއިޚް އިލްޔާސް ވެސް ވަނީ މި ޖަމިއްޔާ އުވާލައި، މި ރިޕޯޓު ތައްޔާރު ކުރި ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

ޔޫތު މިނިސްޓްރީން އެމްޑީއެން އުވާލައި، އެ ޖަމިއްޔާއަށް އެކަން އަންގާފައިވަނީ މިއަދުއެވެ.