ޚަބަރު

އިދިކޮޅު މެމްބަރުން މަޖިލިސް ޖަލްސާ އިން ބޭރުކުރީ ގަވައިދާ ހިލާފަށް: ޝިޔާމް

މަރިޔަމް ޝަހުދާ

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއިން އިދިކޮޅު މެމްބަރުން ބޭރުކުރީ ގަވާއިދާ ހިލާފަށް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުން ބޭރުކުރެއްވީ ޝިޔާމުގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. މި މެމްބަރުން މަޖިލ؛ީހުގެ ޖަލްސާއިން ބޭރު ކުރެއްވީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވާ މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރެއްވުމުންނެވެ.

އެ މައްސަލައާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމު ވިދާޅުވީ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމަލުކޮށްފައިވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ. އަދި ރައީސް ނަޝީދުގެ މި އަމަލުފުޅަކީ ސަރުކާރާއި އިދިކޮޅު މެމްބަރުންގެ އަޑުކަނޑުވާލުމަށް ކުރެއްވި ކަމެއް ކަމަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާއިން ނެރުނީ ސަރުކާރުން ގާނޫނު\އަސާސީއާ ހިލާފު ކަންތައްތައް ތަކުރާރުކޮށް ކުރަމުން ގެންދަވާތަން ފެނި އެ ވާހަކަތައް ދައްކަމުން ގެންދާތީ ކަމަށެވެ. އަދި ރައީސް ނަޝީދު މިއަދު ޖޭއެސްސީ އަށް ވަޑައިގެންނެވުމަކީ ވެސް އެމަނިކުފާނު ކުރެއްވި ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ވިދާޅުވިއެވެ.

''އެބޭފުޅުން އެކުރައްވާ ކަންތައްތަކަކީ ގާނޫނާއި އަދި ގާނޫނު އަސާސީއާ ވެސް ހިލާފު ކަންތައްތަކަކަށް ވާތީވެ، އެވާހަކަ އަޅުގަނޑުމެން ދައްކާތީވެ އެ އަޑު ކަނޑުވާލުމަށް މައިގަނޑު ގޮތެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް ބޭނުންވަނީ،" ޝިޔާމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް މަގާމުގެ ބޭނުން ހިއްޕަވައިގެން އަމަލުތައް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުތަކެއް ކުރައްވައިފައެވެ.

އެގޮތުން ގާނޫނާއި ގަވައިދާ ހިލާފަށް ކުރާ ކަންތައްތަކަކީ ރައީސް ސޯލިހާއި ރައީސް ނަޝީދު ގުޅިގެން ކުރައްވާ ކަންތައްތަކެއް ކަމަށާއި އެކަމުގެ އަޑީގައި ހުންނެވީ ރައީސް ސޯލިހު ކަމަށް ވިދާޅުވިއެވެ. އަދި ތިން ބާރު ވަކިކުރެވިފައިވާއިރު، އެހެން ބާރުތަކަށް ރައީސް ''އަތްބާނަން'' މަސައްކަތް ކުރައްވާތަން ފެންނަ ކަމަށް ވިދާޅުވިއެވެ.

''ދައުލަތުގެ ތިން ބާރުގެ ތެރެއަށް އަތް ބާނައިގެން، ވަކިން ހާއްސަކޮށް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށްޓަކައި ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ކޯޓު ތަކުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނަށް ބިރުދައްކާ، ކުޑަކަކޫ ޖައްސަން މަސައްކަތް ކުރަމުންދާތަން މިފެންނަނީ. މީގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި އެމަނިކުފާނާއެކު މަސައްކަތް ކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސް،" ޝިޔާމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ބޭރުގެ ފަރާތްތަކާ މިކަންކަން ހިއްސާ ކުރާނެ ކަމަށާއި މިކަން ދުނިޔޭގައި އެބައެއްގެ ސަމާލުކަމަށް ގެންނަންޖެހޭ ހުރިހާ ފަރާތެއްގެ ސަމާލުކަމަށް ގެންނާނެ ކަމަށެވެ.