އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބެލުމަށް އެ ކޮމިޝަނުން ނިންމީ، އެ ކޮމިޝަނުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރެފައިވާ ގަވާއިދުތަކަށާއި އުސޫލަތަކަށް އަމަލުނުކުރުމަށް ސްޕްރީމްކޯޓުގެ ސެކްރެޓަރީ ޖެނެރަލަށް އަންގަވައި އެބޭފުޅާގެ މަސައްކަތަށް ފަނޑިޔާރު އަބްދުﷲ ދީދީ ހުރަސްއަޅުއްވާފައިވާތީ ކަމަށެވެ. އަދި ޑީޖޭއޭއާ ގުޅިގެންް ސްޕްރީމްކޯޓުގެ ސެކްރެޓަރީ ޖެނެރަލް ބަޣާވާތެއް ކުރައްވަން އުޅުއްވާކަމަށް ތުހުމަތުކުރައްވައި އެ ޑިޕާޓްމަންޓާ އެއްވެސް މުއާމަލާތެއް ކުރައްވައިފިނަމަ ވަޒީފާއިން ވަކިކުރައްވާނެ ކަމުގެ އިންޒާރު ދެއްވާފައިވާ މައްސަލައިގައި ކަމަށްވެސް ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޑރ. އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފަށާފައިވާއިރު، ޖޭއެސްސީން ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ވެސް ބަލަން ނިންމައިފަ އެވެ.
ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލުމުން އަންނަނީ، ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއެއް ވައިބާ ގުރޫޕަކަށް ލެއްވި މައްސަލައިގައެވެ.
އެގޮތުން މި މައްސަލައިގައި އިސްގާޒީ ވަނީ 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައި، ސަސްޕެންޑުކޮށްފިއެވެ.