މުރުތައްދުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އައިޝަތު ވެލެޒިނީ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ވެލެޒިނީ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ގިނަ ދުވަސްތަކަކަށްފަހު މިއަދު ވެލެޒިނީ ރާއްޖެ އައިސްފައިވާ އިރު، ވެލެޒިނީ ބުނާގޮތުން މީގެކުރިން އޭނާ ދިރިއުޅެމުންދިޔައީ ރެފިއުޖީއެއްގެ ގޮތުގައި ނެދަލޭންޑްސްގައެވެ.
އިސްލާމް ދީނާ ޚިލާފު ވާހަކަތައް ދެއްކުމުގެ ސަބަބުން އިސްލާމިކް މިނިސްޓްރީން ވަނީ ވެލެޒިނީ އަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް ކަނޑައަޅައިފައެވެ.
ރާއްޖެއިން ބޭރުގައި އުޅެމުން ވެލެޒިނީ ފޭސްބުކް ލައިވް މެދުވެރިކޮށް އާންމުކޮށްފައިވާ ވީޑިއޯތަކެއްގައި އޭނާ ވަނީ ރަސޫލުންނާއި ކީރިތި ގުރުއާނާ ބެހޭ ގޮތުން ވާހަކަތަކެއް ދައްކައިފައެވެ. އެ ވާހަކަތަކުގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފް ވަރަށް ގިނަ ވާހަކަތައް އޭނާ ވަނީ ދައްކައިފައެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްލާމްދީނުގެ އުސޫލުތަކާ ޚިލާފު ވާހަކަ ދައްކާ ހެދުމަކީ އިސްލާމްދީނުގައި އެއްވެސް މީހަކަށް ލިބިގެންވާ ހައްގަކަށް ނުވާތީ، އިސްލާމްދީނާ ޚިލާފަށް ވާހަކަ ދައްކާ ފަރާތެއް، އެއީ މުރުތައްދު ވެފައިވާ ފަރާތެއްކަން ދީނުގެ އުސޫލުތަކުން ކަނޑައަޅައިދީފައިވާ ކަމަށެވެ.
މީގެއިތުރުން 23 މެއި 2017 ގައި ފުލުހުން ވަނީ ވެލެޒިނީއަށް އެ އިދާރާއަށް ހާޒިރުވުމަށް އަންގައިފައެވެ. އެގޮތުން 14 ދުވަސްތެރޭގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވެލިޒިނީއަށް އަންގާފައި ވެއެވެ.