ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗުން ހިދުމަތް ދޭން ޖެހިފައިވަނީ އެތަނުގެ ވަސީލަތާއި ނުބައްދަލުކޮށް ކަމަށް ޓްރާންސިޝަން ކޮމިޓީން ބުނެފިއެވެ.
ޓްރާންސިޝަން ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝާހް މާހިރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކުގެ ބެލުމާއެކު އައިޖީއެމްއެޗްއަށް "ލޯޑް" ބޮޑުވާ ކަމަށެވެ.
އަދި ބޮޑު ލޯޑަކާއެކު ވަސީލަތްތައް ނުލިބި މަސައްކަތް ކުރުމުގެ ސަބަބުން އެފިޝެންޓްކޮށް މަސައްކަތް ކުރުމަށް ހުރަސް އެޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެން އަޅުގަނޑުމެން ބެލީ ހެލްތު ސިސްޓަމަށް ކޮން ކަހަލަ ބަދަލެއްތޯ ގެނެވޭނީ. އޭގެން އެނގުނީ ހެލްތު ސްކްރީނިން ސިސްޓަމެއް ނެތް ކަން. އޭގެ ސަބަބުން އެފިޝަންސީ އެބަ ގެއްލޭ،" އޭނާ ވިދާޅުވިއެވެ.
އައިޖީއެމްއެޗްގެ ވަސީލަތްތައް ނެތް ކަމަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ އެ ހޮސްޕިޓަލަށް ބޭނުންވާ އަދަދަށް ޑޮކްޓަރުންނާއި ނަރުހުންވެސް ނެތް ކަމަށެވެ.
އަދި އެންމެ ބޮޑު ހޮސްޕިޓަލަށް ވެފައިވާއިރު އެތަނުގައި މުހިއްމު ހިދުމަތްތައް ދިނުމަށް ބޭނުންވާ ބައެއް ސެންޓަރުތައްވެސް އެތަނުގައި ނެތް ކަމަށް ޝާހު ވިދާޅުވިއެވެ.