ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަންނަ އާދީއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ސޯލިހު ކަނޑައަޅުއްވައިފި

އަންނަ އާދީއްތަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި އެވެ.

"ވަން" އަށް ކަށަވަރު ވެފައިވާ ގޮތުގައި ރައީސް ސޯލިހުގެ މި ނިންމެވުން ރަސްމީކޮށް މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއުލާނު ކުރައްވާނެ އެވެ. މި ކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ރައީސުލްޖުމްހޫރިއްޔާ ސްޕޯކްސް ޕާސަން، އިބްރާހީމް ހޫދު މި ވާހަކަ ދޮގެއް ނުކުރައްވަ އެވެ.

"ވަން" އަށް މައުލޫމާތު ދެއްވި އިތުބާރު ކުރެވޭ މަސްދަރުން ބުނީ، ރައީސް ސޯލިހު މި ގޮތަށް ނިންމެވީ، މި މަހުގެ ނުވައެއްވާ ހޮނިހިރު ދުވަހަކީ ކީރިތި ރަސޫލާގެ އީދު މީލާދަށް ވެފައި، މި މަހުގެ 11 ވާ ހޯމަ ދުވަހަކީ ޖުމުހޫރީ ދުވަސް ކަމަށް ވާތީ، އެ ދެދުވަސް އެއީ ރަސްމީ ބަންދު ދެ ދުވަސްކަމަށް ވުމުން، މެދަށް ސަރުކާރު ހުޅުވޭ ދުވަހެއް އައިސްފި ނަމަ، ރައްޔިތުންނަށް އޭގެން ދިމާވާނެ ތަކުލީފު ކުޑަކުރެއްވުމުގެ ގޮތުންނެވެ.

ރައީސް ސޯލިހުގެ މި ނިންމެވުމުގެ ސަބަބުން، ކުރިޔަށް އޮތް ހަފުތާ ބަންދާ ގުޅުވައިގެން ހަތަރު ދުވަހުގެ ބަންދެއް ސަރުކާރު މުވައްޒަފުންނަށް ލިބޭނެ އެވެ.