ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

2020 ވަނަ އަހަރުގެ ބަޖެޓަކީ ވަރަށް އުންމީދީ ބަޖެޓެއް: ނައިބު ރައީސް

އާނިފާ ހުސެއިން ސިރާޖް

2020 ވަނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށް މުހިންމު ކަންތައްތަކެއް އަމާޒުކޮށްގެން ހަދާފައިވާ ވަރަށް އުންމީދީ ބަޖެޓެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ބަޖެޓާ ގުޅެގޮތުން ނައިބު ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "2020 ވަނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގެ ރައްޔިތުންގެ ހާލަތު ހުރިހާ ގޮތަކުންވެސް ރަނގަޅު ކުރުމަށް މުހިންމު ކަންތައްތަކެއް އަމާޒުކޮށްގެން ހަދާފައިވާ ވަރަށް އުންމީދީ ބަޖެޓެއް" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ހުށަހެޅީ 37.504 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، 2020 ވަނަ އަހަރުގެ ބަޖެޓަކީ އެންމެހާ ރައްޔިތުންނަށް ގަދަރުވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް މަގުފަހިކޮށްދޭނެ، ރައްޔިތުންނަށް ބުރަ ބޮޑު ނުވާނެ ގޮތަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށެވެ.

މި ބަޖެޓުން ރައްޔިތުންގެ ހުރި މައިގަނޑު ކަންބޮޑުވުންތައް ހައްލުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ޖުމުލަ ހަރަދަކީ، 35،600 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން މި ބަޖެޓަކީ، 5678 ބިލިއަން ރުފިޔާއިން ޑެފިސިޓް (ދަރަނި) ބަޖެޓެކެވެ. ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އަދަދަކީ 29،922 ބިލިއަން ރުފިޔާ އެވެ.

މިއީ މި އަހަރުގެ ބަޖެޓަށް ވުރެ 8.5 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ.