ޖުޑީޝަލް ސާވިސް ކޮމިޝަން

ކްރިމިނަލް ކޯޓުގެ އިސްގާޒީ، ހައިލަމް ސަސްޕެންޑްކޮށްފި

އާނިފާ ހުސެއިން ސިރާޖް

ޖޭއެސްސީން ބަލަމުން އަންނަ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލައާ ގުޅިގެން 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައި، ސަސްޕެންޑުކޮށްފިއެވެ.

ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލުމުން އަންނަނީ، ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއެއް ވައިބާ ގުރޫޕަކަށް ލީ މައްސަލައިގައެވެ.

ސުލޫކީ މައްސަލަ ބެލުމަށް މިއަދު ހެނދުނު ހައިލަމް ޖޭއެސްސީ އަށް ހާޒިރުވުމަށް އަންގާފައިވީ ނަމަވެސް އޭނާ ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ޖޭއެސްސީން ދާދި ދެންމެ ނުރުނު ބަޔާނެއްގައި ބުނެފައިވަނީ ހައިލަމްގެ މައްޗަށް ޖޭއެސްސީން ބެލުމަށް އިއްޔެ ނިންމި ސުލޫކީ މައްސަލައާ ގުޅިގެން ކޮމެޓީއަށް ހާޒިރުވުމަށް އެންގުމުން، މިއަދު ހައިލަމް އެ ކޮމިޝަނަށް ފޮނުވި ސިޓީއެއްގައި ޖޭއެސްސީއަށް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ކޮމިޝަނަށް ހާޒިރުވެވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވެ ހައިލަމް ފޮނުއްވާފައިވާ ސަބަބަކީ މަގުބޫލު ސަަބަބެއްގެ ގޮތުގައި ބަލައިނުގަނެވޭ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޖޭއެސްސީއަށް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ހައިލަމް މިއަދު ޖޭއެސްސީ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ކޮމިޝަނުން ބަލަމުން އަންނަ އޭނާގެ ސުލޫކީ މައްސަލައިގައި ދެއްވަން ބޭނުންވެވަޑައިގަންނަވާ ތަފުސީލެއް އޮތް ނަމަ އޭނާ އިއްޔެ ނެރުއްވި ބަޔާނުގައި ހިމަނުއްވާފައި ވާނެ ކަަމަށެވެ.

ހައިލަމް އިއްޔެ ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެ ފޮޓޯ ވައިބަރު ގުރޫޕަށް ލެއްވިއިރު އެފޮޓޯގައިވާ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކުރެވޭ ފަދަ ކުރެހުމެއް ހުރިކަން އެނގި ވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެ މެސެޖުގައި ހުރި ކުރެހުމާ ގުޅިގެން މައާފަށް އެދިވަޑައިގަންނަވާ ކަމަށް އެ ބަޔާނުގައި ހައިލަމް ވިދާޅުވެފައިވެ އެވެ.

ހައިލަމްގެ އެ ބަޔާނަކީ މި މައްސަލައިގައި އޭނާގެ ބަސް ކަމަށް ބަލާ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ހައިލަމްގެ ސުލޫކީ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، މައްސަލަ ރައްދުވާ ފަރާތް މަސައްކަތަށް ނުކުމެ އުޅުމަކީ މައްސަލައިގެ ޒާތުން ޝަރުއީ ދާއިރާގެ އިތުބާރު ގެއްލިދާނެ ޒާތުގެ ކަމަކަށް ވާތީ، 60 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ހައިލަމަށް އަންގާފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައި ވެއެވެ.