ޖުޑީޝަލް ސާވިސް ކޮމިޝަން

މާދަމާ ހެނދުނު ހައިލަމް ޖޭއެސްސީއަށް ހާޒިރުވާން އަންގައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއެއް ވައިބާ ގުރޫޕަކަށް ލީ މައްސަލައިގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ މުހައްމަދު ހައިލަމް މާދަމާ ހެނދުނު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވާން އަންގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވައިބާ ގްރޫޕަކަށް ލީ އެ ފޮޓޯގެ މައްސަލައިގައި ހައިލަމް ޖޭއެސްސީއަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 8:00 އަށެވެ.

ހައިލަމް ފޮނުއްވި ކަމަށް ބުނާ، އެ ކުރެހުމުން ފެންނަނީ 3 ނޮވެމްބަރު 1988 ގައި ކުލީ ސިފައިން ގޮވައިގެން ދިވެހިރާއްޖެ އަޅުވެތިކުރަން ރާއްޖެއަށް އެރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައިގެން ދަމާފައި ކަހަލަ ގޮތަކަށް ގެންދާ މަންޒަރެވެ.

ކެރެހުމުގެ ފޮޓޯގަނޑު ވައިބާ ގްރޫޕަކަށް ލީ މައްސަލައިގައި ހައިލަމް ވަނީ މިރޭ މައާފަށް އެދިވަޑައިގެންފައެވެ. ހައިލަމް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ފޮޓޯ ވައިބާ ގުރޫޕަށް ލީއިރު އެފޮޓޯގައިވާ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކުރެވޭ ފަދަ ކުރެހުމެއް ހުރިކަން އެނގިފައިނުވާ ކަމަށާއި އެފަދަ ކުރެހުމެއް ހުރެދާނެ ކަމަށް ވިސްނާލެވިފައިވެސް ނުވާ ކަމަށެވެ.

"އެކަމަށްޓަކައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެމެވެ،" ހައިލަމްގެ ބަޔާނުގައިވެއެވެ.

ފޮޓޯގެ މައްސަލައިގައި ގާޒީ ހައިލަމް މައާފަށް އެދިވަޑައިގެންނެވި އިރު، ޖޭއެސްސީން މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަން ވަނީ ނިންމައިފައެވެ. ހައިލަމްގެ ބަލަނީ ކޮން މައްސަލައެއް ކަމަށް ޖޭއެސްސީން ހާމަނުކުރި ނަމަވެސް، އެނގިފައިވާ ގޮތުގައި އެ ކޮމިޝަނުން ހައިލަމްގެ މައްސަލަ ބަލަން ނިންމީ އެ ކުރެހުމާ ގުޅިގެންނެވެ.

އޭގެ އިތުރުން ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތަން ފެންނަ ކުރެހުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ވެސް މިއަދު ވަނީ ހޫނު ބަހުސެއް ހިނގައިފައެވެ.

ޖޭއެސްސީއަށް މާދަމާ ހެނދުނު ހާޒިރުވުމަށް ހައިލަމަށް އެންގި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް އިއްވުމަށް މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ. ގާޒީ ހައިލަމް ބައްލަވާ އެ މައްސަލަ ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު ފަހު 1:00ގައި ބާއްވާގޮތަށެވެ.