ޚަބަރު

މަންތާ އެއާގެ ފުރަތަމަ ބޯޓު ރާއްޖެ ގެނެސްފި

މުހައްމަދު އައުޒަމް

މަންތާ އެއާގެ ފްލީޓުގެ ފުރަތަމަ ބޯޓު ރާއްޖެ ގެނެސްފިއެވެ.

މަންތާ އެއާގެ ފުރަތަމަ ބޯޓަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ މާމެހި ލައުންޖްގައި ބޭއްވި މި ރަސްމިއްޔާތުގައި ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ އިސްފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.

މަންތާ އެއާގެ ފުރަތަމަ އެއާކްރާފްޓް ރަންވޭއިން ޕާކިންއަށް ވަނުމާއެކު ވަނީ ވޯޓާ ސެލިއުޓެއް އަރުވައިފައެވެ. މަންތާ އެއާގެ ފުރަތަމަ ބޯޓަކީ އޭޓީއާރު 600-72 މަރުކާގެ ބޯޓެކެވެ.

މާމެހި ލައުންޖްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަމުން މަންތާގެ ސީއީއޯ މުހައްމަދު ހަލީލް ބުނީ މަންތާގެ އެންމެ ބޮޑު އެއް މަގްސަދަކީ ރާއްޖޭގައި އެތެރޭގެ އުދުހުމުގައި އުފެދިފައިވާ މަނޮޕޮލީ ނައްތާލައި ރަނގަޅު ވާދަވެރިކަމެއް އުފައްދުން ކަމަށެވެ. އޭގެ ސަބަބުން އޮޓޮމެޓިކްކޮށް އަގުތައް އެއްވަރެއްގައި ހިފަހައްޓައި ހެޔޮވެގެން ދާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

މަންތާގެ ފުރަތަމަ ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ ކުޑަހުވަދޫއިން މާލެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

އަޅުގަނޑުމެން ފުރަތަމަ ދަތުރުކުރަން ފަށަނީ ފުރަތަމަ ކުޑަހުވަދޫއިން މާލެއަށް. އެއަށްފަހު ދަރަވަންދުއަށް ދެން އޭގެފަހުން ތިމަރަފުއްޓަށް ދަތުރުފަށާނަން. ދެން ތިންވަނަ އެއާކްރާފްޓް ލިބުނީމަ އެހެން ޑެސްޓިނޭޝަންތަކަށް ދަތުރު ފަށާނަން،
މަންތާގެ ސީއީއޯ މުހައްމަދު ހަލީލް

ހަލީލް ވިދާޅުވީ ސިވިލް އޭވިއޭޝަނުން ހުއްދަ ލިބުމާއެކު އޮޕަރޭޝަން ފަށާނެ ކަމަށެވެ. ޕައިލެޓުންނާއި ކުރޫއިން މިހާރުވެސް ތައްޔާރަށް ތިބިކަމަށް އޭނާ ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ އެހެން އެއާލައިންތަކާ މަންތާ ތަފާތުވާކަމަކީ އެ އެއާލައިނުގައި ސާވިސް ދޭން ސަފަޔަރ ކިލާހުގެ އިތުރުން ކޮންފޯޓް ކްލާސް ހިމެނޭނެ ކަމަށެވެ. އަދި އިންފްލައިޓް ކޭޓަރިންގެ ހިދުމަތް ވެސް ލިބޭނެކަމަށް ހަލީލް ވިދާޅުވިއެވެ.

މަންތާ އެއާގެ ދެވަނަ ބޯޓު ޑިސެމްބަރު މަހުގައި ރާއްޖެ އަންނާނެއެވެ.