ޚަބަރު

ކުރެހުމުގައި ރައީސް އާއި ނަޝީދު ހިމެނޭ ކަމެއް ނޭނގެ، މައާފަށް އެދެން: ހައިލަމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއެއް ވައިބާ ގުރޫޕަށް ލީ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ މުހައްމަދު ހައިލަމް މައާފަށް އެދިއްޖެއެވެ.

ހައިލަމް ފޮނުއްވި ކަމަށް ބުނާ، އެ ކުރެހުމުން ފެންނަނީ 3 ނޮވެމްބަރު 1988 ގައި ކުލީ ސިފައިން ގޮވައިގެން ދިވެހިރާއްޖެ އަޅުވެތިކުރަން ރާއްޖެއަށް އެރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައިގެން ދަމާފައި ކަހަލަ ގޮތަކަށް ގެންދާ މަންޒަރެވެ.

އެ މައްސަލައާ ގުޅިގެން ހައިލަމް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ފޮޓޯ ވައިބަރު ގުރޫޕަށް ލީއިރު އެފޮޓޯގައިވާ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކުރެވޭ ފަދަ ކުރެހުމެއް ހުރިކަން އެނގިފައިނުވާ ކަމަށާއި އެފަދަ ކުރެހުމެއް ހުރެދާނެ ކަމަށް ވިސްނާލެވިފައިވެސް ނުވާ ކަމަށެވެ.

"އެކަމަށްޓަކައި، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެމެވެ،" ހައިލަމްގެ ބަޔާނުގައިވެއެވެ.

ހައިލަމްގެ އިތުރަށް ވިދާޅުވީ، އޭނާ ބަލަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެ މައްސަލާގައި ރިޝްވަތު ނަގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ތުހުމަތުކޮށް މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކާފައިވާތީ، އެފަރާތްތަކުގެ އަމަލަކީ ކޯޓުގައި ކުރިއަށްދާ މައްސަލައަށާއި ފަނޑިޔާރެއްގެ ހައިސިއްޔަތުން ކުރަމުންދާ މަަސައްކަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ އަމަލެއް ކަމަށެވެ.

ނަމަވެސް މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށް އެއްވެސް އިރެއްގައި އެއްވެސް ސިފައެއްގައި މަސައްކަތް ކޮށްފައިނުވާނެ ކަމަށާއި އެފަދަ ކަމެއްގައި ބައިވެރިވެފައި ނުވާނެކަމުގެ ޔަގީން ހައިލަމް ދެއްވާފައިވެއެވެ.

ފޮޓޯގެ މައްސަލައިގައި ގާޒީ ހައިލަމް މައާފަށް އެދިވަޑައިގެންނެވިއިރު، ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަން ވަނީ ނިންމައިފައެވެ. ހައިލަމްގެ ބަލަނީ ކޮން މައްސަލައެއް ކަމަށް ޖޭއެސްސީން ހާމަނުކުރި ނަމަވެސް، އެނގިފައިވާ ގޮތުގައި އެ ކޮމިޝަނުން ހައިލަމްގެ މައްސަލަ ބަލަން ނިންމީ އެ ކުރެހުމާ ގުޅިގެންނެވެ.

އޭގެ އިތުރުން ޗޭނު ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތަން ފެންނަ ކުރެހުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ވެސް މިއަދު ވަނީ ހޫނު ބަހުސެއް ހިނގައިފައެވެ.