ޝަރުއީ ކޯޓުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ފުރުސަތު ދީގެން ނުތިބޭނެ ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ، ކޯޓުތަކަށް ބިރުދައްކައި، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ސަރުކާރާއި ރައްޔިތުންގެ މަޖިލީސް ގުޅިގެން ޝަރުއީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓައިލުމަށް ގޮވައިލައިފައެވެ.
ބަޔާނުގައި ބުނީ ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާނަމަ، ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ސަރުކާރަށް އެކަން ކުރަން ފުރުސަތުދީގެން ނުތިބޭނެ ކަމަށެވެ. ބަޔާނުގައި ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި މިހާރު ހިންގަމުންދަނީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށް ސިފަކޮށް ބުނެފައިވަނީ ޖުޑިޝަރީ އިސްލާހުކުރުމަށް ކަމަށް ބުނެ، ޝަރުއީ ކޯޓުތަކުގައި ހިނގާ ވަކިވަކި މައްސަލަތަކަށް ނުފޫޒު ފޯރުވުމަށާއި ކޯޓުތަކުގެ ފަނޑިޔާރުންނަށް ބިރުދެއްކުމަށް ސަރުކާރު ހިންގާ މައި ޕާޓީއާއި ސަރުކާރުން ގެންދަނީ މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން ކަމަށެވެ.
އެގޮތުން އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން، ރައީސް ޔާމީނުގެ މައްސަލަ ބައްލަވައި ގާޒީ އަހުމަދު ހައިލަމަށް އެފަދައިން ބިރު ދައްކާފައިވާކަމަށް ބަޔާނުގައި ވެއެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ހުކުމް ކުރުމަށް ނުފޫޒު ފޯރުވުން ނޫން ކަމަށާއި ރިޔާސީ އިންތިހާބުގައި އެމްޑީޕީން އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާ އިސްލާހުކުރުމަށް ވެފައިވާ ވައުދަކީ ވަކި ބަޔަކު ބޭނުންވާ ގޮތަކަށް، ވަކި މަގުސަދެއް ހާސިލުކުރުން ކަމުގައިވާނަމަ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބަޔާނުގައި ބުނެއެވެ.
ގާޒީ ހައިލަމަށް ބިރުދެއްކި ކަމަށް އިދިކޮޅުން ބުނެފައިވަނީ، ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވުމަށް ގާޒީ ހައިލަމް ކުރެއްވި ވައިބާ މެސެޖެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި ވާ ޖަހައިގެން ދަމާ ގޮތަށް ސިފަވާ ކުރެހުމެއް ހިމެނޭތީ އެކަން ކުށްވެރިކޮށް ހައިލަމުގެ މައްސަލަ ބެލުމަށް މިއަދުގެ ޖަލްސާގައި ސަރުކާރަށް ތާއީދުކުރާ މެންބަރުން ގޮވައިލައްވާފައިވާ ދަނޑިވަޅެއްގައެވެ.
ރައްޔިތުންގެ މަޖިލީހާއި ޑީޖޭއޭގެ އިތުރުން ޖޭއެސްސީން، ޝަރުއީ ދާއިރާއަށާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް މިއަދު ވަނީ ބަޔާނެއް ނެރުއްވައިފައެވެ.