ޚަބަރު

މެސެޖާ ގުޅިގެން ހައިލަމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އެމްޑީޕީން ގޮވާލައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއަކާއެކު ނަސްރުގެ ދުވަހު ތަހުނިޔާ އަރިސްކޮށް ވައިބަރު ގުރޫޕަކަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ފޮނުއްވި ފޮޓޯއާ ގުޅިގެން އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

ހައިލަމް ފޮނުއްވި ކަމަށް ބުނާ، އެ ކުރެހުމުން ފެންނަނީ 3 ނޮވެމްބަރު 1988 ގައި ކުލީ ސިފައިން ގޮވައިގެން ދިވެހިރާއްޖެ އަޅުވެތިކުރަން ރާއްޖެއަށް އެރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައިގެން ދަމާފައި ކަހަލަ ގޮތަކަށް ގެންދާ މަންޒަރެވެ.

އެ ޗޭނު ހިފައިގެން ކުރިޔަށް ހިނގާފައިދަނީ ނޮވެމްބަރު ތިނެއްގައި ސިފައިންގޭގެ ދޮރާށި ބަލަހައްޓަން ހުރެ، ދުޝްމަނުންނާ ހަނގުރާމަކޮށް ޝަހީދުވި، ޝަހީދު ހުސެއިން އާދަމްއެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އަދުލް އިންސާފު ގާއިމުކުރުމުގެ ދާއިރާގެ މިނިވަންކަމަށް ރައްކާތެރިވެ ތިބޭ ހާލު، އެ ނިޒާމުގެ ހައިބަތާއި، ގަދަރު ހިމާޔަތްކުރުމަށާއި ކޯޓުތަކުގެ މައްޗަށް އާންމުންގެ މެދުގައި އިތުބާރާއި ޔަގީންކަން އުފައްދައި ދެމެހެއްޓޭނެ މަގުން އަހުލާގާއި، ސުލޫކީ މިންގަނޑު ބެހެއްޓުމަށް ފަނޑިޔާރުންގެ މައްޗަށް ދުސްތޫރީ އަދި ގާނޫނީގޮތުން ލާޒިމު ކަމަށެވެ.

އޭގެ އިތުރުން ފަނޑިޔާރުންނީ ޒާތީ ތައައްސުބެއް ނެތި، ވަކި ފަރާތަކަށް ނުޖެހި، އަމަލާއި ބަސް، އުޅުމާއި ގުޅުން ބަހައްޓަން ލާޒިމުވާ ބައެއް ކަމަށެވެ. އެހެންކަމުން ހައިލަމް ހިންގާފައިވާ އަމަލަކީ ތައްސަބު ކުރިއަށް ނެރެ، ވަކި ފަރާތަކަށް ނުޖެހުމުގެ ސިފަ ނަފީވާ މަގުން، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މެސެޖާ ގުޅިގެން ހައިލަމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ގޮވާލިއިރު، ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަން ވަނީ ނިންމައިފައެވެ.

ހައިލަމްގެ ބަލަނީ ކޮން މައްސަލައެއް ކަމަށް ޖޭއެސްސީން ހާމަނުކުރި ނަމަވެސް، އެނގިފައިވާ ގޮތުގައި އެ ކޮމިޝަނުން ހައިލަމްގެ މައްސަލަ ބަލަން ނިންމީ އެ ކުރެހުމާ ގުޅިގެންނެވެ.

އޭގެ އިތުރުން ޗޭނު ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތަން ފެންނަ ކުރެހުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ވެސް މިއަދު ވަނީ ހޫނު ބަހުސެއް ހިނގައިފައެވެ.

އެގޮތުން އެމްޑީޕީގެ މެމްބަރުން އެއީ އެފަދަ ފަނޑިޔާރަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، ހައިލަމް ބާއްވަމުން ގެންދަވާ، ކުރީގެ ރައީސް ޔާމީންގެ ކޮރަޕްޝަން މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލް ކޮށްފައި އޮތްއިރު، އެފަދަ ކުރެހުމެއް ހާމަ ކުރުމަކީ އެ މައްސަލައިގައި ފަނޑިޔާރު އެއް ފަރާތަށް ޖެހިފައިވާކަން އަންގައިދޭ ކަމެއް ކަމަށެވެ.