ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ބައެއް ކޮންޓްރެކްޓަރުން، މަސައްކަތްކުރުމާ ބެހޭ ގަވައިދާއި އުސޫލުތަކާ ހިލާފަށް ހަރަކާތްތެރިވަމުންދާތީ އެކަމުގެ ކަންބޮޑުވުންތައް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މަސީގެ އިސްވެރިން ވަނީ އިމާރާތްކުރުމުގެ ދާއިރާއާއި ޖުމްލަ ގޮތެއްގައި މަސައްކަތްތެރިންގެ ހުރި ބައެއް ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފައެވެ.
މަސީން ވަނީ ބައެއް ދާއިރާތަކާ ގުޅޭ މުހިންމު ގަވާއިދުތައް އަދިވެސް ހެދިފައި ނެތުމުން އެކަމުގެ ފައިދާ ބޭރުގެ ބައެއް ފަރާތްތަކަށް ލިބޭގޮތަށް އޮތުމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފައެވެ.
މިހާރު ހުރި ބައެއް ގަވާއިދުތައްވެސް މިހާރު ހުރިގޮތުން މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކާބެހޭ މައުލޫމާތު ހިއްސާކުރުމުގެ އިތުރުންވެސް ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް ޕްރޮޖެކްޓްތައް ލިބުމުގައި މިހާރު ހުރި ދަތިތައް ފާހަގަކުރައްވައި އެކަމަށް ފަހި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް ވެސް މަސީގެ އިސްވެރިން ރައީސް ސޯލިހަށް ހުށަހެޅުއްވިއެވެ.
މި ބައްދަލުވުމުގައި އެ ޖަމިިއްޔާގެ އިސްވެރިން ވަނީ މަސައްކަތްތެރިންގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ ބައެއް ކަންކަމުގައި މަސީގެ ހިޔާލު ހުރި ގޮތް ރައީސް ސޯލިހުއާ ހިއްސާކުރައްވައިފައެވެ.
މީގެ އިތުރުން އަންނަ އަހަރަށް ދައުލަތުން އެކުލަވާލައްވާފައިވާ ބަޖެޓުގައި ގިނަ އަދަދަކަށް އުމުރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނިފައިވާތީ އެއީ އިމާރާތްކުރުމުގެ ސިނާއަތަށް އެދެވޭ ކުރިއެރުންތަކެއް ގެނެސްދޭނެ ރަނގަޅު ބަދަލެއްގެ ގޮތުގައި މަސީން ފާހަގަކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި މަސީގެ ކަންބޮޑުވުންތަކާއި ހުށަހެޅުއްވި ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައިގެން ރަނގަޅު ބަދަލުތަކެއް ގެނެއުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މަސީއަކީ އިމާރާތްކުރުމުގެ ދާއިރާގެ ކުންފުނިތައް ތަމްސީލުކުރާ ޖަމިއްޔާއެކެވެ. މަސީގައި 384 މެންބަރުން ހިމެނޭ އިރު އޭގެ ތެރެއިން ގިނަ ކުންފުނިތަކަކީ ކުދި ނުވަތަ މެދުފަންތީގެ ކުންފުނިތަކެވެ.