ޚަބަރު

މައްސަލަ ނުނިމެނީސް ނޫމަޑިއަށް ފައިސާ ދިން މައްސަލައިގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސީޒް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރި މައްސަލަ އާބިޓްރޭޝަނުން ބަލަމުންދަނިކޮށް، ކޯޓުން ބޭރުން އެކުންފުންޏަށް ފައިސާ ދިން މައްސަލައިގައި ސުވާލުކުރުމަށް ފިނޭންސް މިނިސްޓަރު އިބުރާހީމް އަމީރު، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހުށަހަޅުއްވައިފިއެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ކުރީގެ ސަރުކާރުން ބާތިލުކުރިއިރު، އެ ކުންފުންޏާއެކު ހެދި ސެޓްލްމެންޓް އެގްރިމެންޓުގެ ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު (849 މިލިއަން ރުފިޔާ) ސަރުކާރުން ވަނީ ދައްކައިފައެވެ.

ނޫމަޑިން ބަދަލު ހޯދަން އެދުނީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީކުރުމަށްޓަކައި ޖެނުއަރީ 20، 2011 ގައި ސޮއިކުރި އެއްބަސްވުމަކާއި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކެއް އަދި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމު ތަރައްގީކުރުމަށް މެއި 30، 2013 ގައި ސޮއިކުރި އެއްބަސްވުން ބާތިލްކުރި މައްސަލައިގައެވެ. އެ މައްސަލައިގައި މިދިޔަ މަހުގެ އަށްވަނަ ދުވަހުވެސް މިނިސްޓަރު އަމީރު މަޖިލީހަށް ހާޒިރުކުރައްވައި މެމްބަރުން ސުވާލު ކުރައްވާފައި ވެއެވެ.

އެ މައްސަލައިގައި މެމްބަރު ޖާބިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ފޮނުއްވި ސިޓީގައި ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސީޒް އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި މައްސަލަ، ސިންގަޕޫރުގެ އާބިޓްރޭޝަނުން ގޮތަކަށް ނުނިމެނީސް ދިވެހި ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ޑޮލަރެއް ބަދަލުގެ ގޮތުގައި ދިނީ ގާނޫނީ ކޮން ހައިސިއްޔަތަކުންތޯ ސުވާލު ކުރުމަށެވެ.

އޭގެ އިތުރުން އާބިޓްރޭޝަނުން ނިންމާނީ ބަދަލު ދޭންޖެހޭ ގޮތަށްކަން މިނިސްޓަރު އަމީރަށް އެނގިވަޑައިގެންނެވީ ކޮން ގޮތަކުންތޯއާއި އަދި އާބިޓްރޭޝަނުން ނުނިމެނީސް ނޫމަޑި ކުންްފުންޏަށް ބަދަލުގެ ގޮތުގައި ދިނީ ކިހާ ފައިސާއެއްތޯ ސުވާލު ކުރުމަށް ޖާބިރު މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވެއެވެ.

އެހެންކަމުން އެ މައްސަލައިގައި ނޯޓިސް މިނިސްޓަރު އަމީރަށް ފޮނުވައި ދެއްވުމަށާއި އެ މައްސަލަ އެޖެންޑާކޮށް ދެއްވުމަށް ޖާބިރު ވަނީ އެދިވަޑައިގެންފައެވެ.

އެ މައްސަލައިގައި ސަރުކާރުން ކުރިން ބުނެފައިވަނީ އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ ނިމެންދެން މަޑުކުރި ނަމަ 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު ބަދަލެއް ދޭން ޖެހުނީސް ކަމަށެވެ. ދައުލަތުން މިހާ ބޮޑު ބަދަލެއް ދޭން ޖެހުނީ ހައުސިން ޔުނިޓްތަކެއް އަޅަން އެ ކުންފުންޏާ ހަވާލުކުރި ދެ އެއްބަސްވުން ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލުމުން ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.