އަންނަ އަހަރު ރާއްޖޭގެ ރަށްރަށުގައި 950 އަށްވުރެ ގިނަ މަޝްރޫއު ހިންގުމަށް ނިންމައި ބަޖެޓުކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމެނި ރަށްރަށުގައި ހިންގާ 950 އަށްވުރެ ގިނަ މަޝްރޫއުގެ ތެރޭގައި މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި އަލަށް ފަށާ މަޝްރޫއުތައް ވެސް ހިމެނެއެވެ.
ޕީއެސްއައިޕީގެ މަޝްރޫއުތަކަށް އަންނަ އަހަރަށް 10.2 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމައިފައެވެ. މިއީ މީގެ ކުރިން ތަރައްގީގެ މަޝްރޫއުތަކަށް ބަޖެޓު ކޮށްފައިވާ ވަރަށް ވުރެ ބޮޑު އަދަދެކެވެ. އަދި މިއީ މިއަހަރަށް ވުރެ ދެ ގުނަ ބޮޑު އަދަދެކެވެ.
ބަޖެޓުގައި އެންމެ ބޮޑު ހަރަދެއް ކުރަން ނިންމާފައިވަނީ މާލެ ސަރަހައްދަށެވެ. މާލޭ ސަރަހައްދަށް 3،353 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފައެވެ. އަތޮޅުތަކުން އެންމެ ބޮޑު ހަރަދެއް ކުރަން ނިންމާފައިވަނީ އައްޑޫ ސިޓީއަށެވެ. އެ ސިޓީއަށް 523 މިލިއަން ރުފިޔާ ހަރަދަކުރަން ވަނީ ނިންމައިފައެވެ.
އައްޑޫ ސިޓީގެ އިތުރުން ގދ. އަތޮޅާއި ހދ. އަތޮޅާއި ތ. އަތޮޅާއި ރ. އަތޮޅާއި ހއ. އަތޮޅު އަދި ށ. އަތޮޅުގެ ތަރައްގީގެ މަޝްރޫއުތަކަށް ވެސް ބޮޑު ހަރަދެއްކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ގދ. އަތޮޅަށް 486 މިލިއަން ރުފިޔާ، ހދ. އަތޮޅަށް 362 މިލިއަން ރުފިޔާ، ތ. އަތޮޅަށް 332 މިލިއަން ރުފިޔާ، ރ. އަތޮޅަށް 309 މިލިއަން ރުފިޔާ، ހއ. އަތޮޅަށް 261 މިލިއަން ރުފިޔާ އަދި ށ. އަތޮޅަށް 254 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފައެވެ. ފުވައްމުލަކު ސިޓީއަށް ހަރަދުކުރަން ނިންމާފައިވަނީ 228 މިލިއަން ރުފިޔާއެވެ.