ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓާއި ޝަރުއީ ކޯޓުތަކަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސ) ނުވަތަ ރައްޔިތުންގެ މަޖިލީހުގައި އޮންނަ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ހިނގާ ތަންތަންކަމުގައި ހެދޭނޭ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެ އަށް ސޮފްހާގެ ދިގު ބަޔާނެއް ނެރުއްވާފައި މިވަނީ، ޑީޖޭއޭއަށް ހުރަސް އަޅަން ސުޕްރީމް ކޯޓުން އުޅޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެ ނިންމުން ނިންމައިފިނަމަ، އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ވެސް ޖޭއެސްސީން ވަނީ ނިންމައިފައެވެ.
އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ޑީޖޭއޭއަށް ގާނޫނުން ހަވާލުކޮށްފައިވަނީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުން ކަމަށާއި މިއީ ކުރިން ވެސް އެ އިދާރާގެ މަސައްކަތް ކަނޑައަޅާފައިވާ ގޮތް ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ވެސް ޑީޖޭއޭ އަށް ޝަރުއީ ކޯޓުތަކުގެ އެތެރޭގެ އިދާރީ ނިޒާމުގެ ކަންކަމާ ބެހުމުގެ އެއްވެސް ބާރެއް ލިބިދީފައި ނުވާއިރު ބައިނަލްއަގުވާމީ މިންގަނޑަށް ބެލި ނަމަވެސް ކޯޓުތަކުގެ އެތެރޭގެ އިދާރީ ނިޒާމުގެ މައްޗަށް، ކޯޓުން ބޭރުން އެއްވެސް ފަރާތަކުން ނުފޫޒާއި ބާރު ފޯރުވުމަކީ ގަބޫލު ނުކުރެވޭނެ ކަމެއް ކަމަށެވެ.
އެގޮތުން ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމުގެ މައްޗަށް އުއްތަމަ ފަނޑިޔާރުގެ ބާރެއް ނުހިންގޭ ގޮތަށް ނިޒާމު ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ބާރެއް ނޯންނާނެ ގޮތަށް ހެދުން ފަދަކަމެއް ކަމަށާއި ރައްޔިތުންގެ މަޖަިލީހުގެ އިދާރާ ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެއްވެސް ބާރެއް ނޯންނާނެ ގޮތް ހެދުން ފަދަކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
''ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ހައިސިއްޔަތާއި ބާރު ނިގުޅައިގަނެ، މުޅި ޝަރުއީ ދާއިރާ އާއި ޝަރުއީ ކޯޓުތައް ނިކަމެތިކޮށް، ފަނޑިޔާރުންގެ މަސައްކަތަށް ހުރަސްއަޅައި، ފަނޑިޔާރުންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް ދަތިކޮށް، އަދުލު އިންސާފު ގާއިމުކުރުމުގެ މުޅި ނިޒާމު ފުނޑުފުނޑުކޮށްލުމުގެ ގޮތުން ހިންގޭ ޣައިރު ގާނޫނީ އަދި ޣައިރު ދުސްތޫރީ އަމަލެއްކަމުގައި މެނުވީ ބެލެވޭނެ ތަނެއް ނެތެވެ.'' އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވިއެވެ.
އެ ބަޔާނުގައި އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި އަދި ކޮންމެ ފަނޑިޔާރަކީ ގާނޫނު އަސާސީ އާއި ގާނޫނުތައް ނެގެހެއްޓުމުގެ ދުސްތޫރީ ޒިންމާ އަދާކުރުމަށް ހުވައިކޮށްގެން ހުންނަ މީހަކަށް ވާއިރު، ގާނޫނު އަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައި، އަދި ގާނޫނު އަސާސީ މާނަކޮށް ތަފުސީރުކުރުމުގެ ދުސްތޫރީ އަދި ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ފަރާތަކުން ހިތަށް އެރިގޮތަކަށް މާނަކޮށް، އޭގެ ހުރުމަތާއި ހައިބަތު ގެއްލުވައިލަން އޮތް އެއްޗެއްކަމުގައި ވެގެންދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
''ޝަރުއީ ކޯޓުތަކަކީ ޖޭއެސްސީގެ ދަށުން ނުވަތަ ރައްޔިތުންގެ މަޖިލީހުގައި އޮންނަ ކޮމެޓީއެއްގެ ބެލުމުގެ ދަށުން ހިންގާ ތަންތަންކަމުގައި ހެދޭނެ އެއްވެސް ގޮތެއް، ގާނޫނޫ އަސާސީއާއި އެ ގާނޫނު އަސާސީން އެކަށައަޅައި ގާނޫނުގެ ހުކުމް ދެމިއޮތްހައި ހިނދަކު، ނޯންނާނެއެވެ. އޮޅުވައިލުމަށް ބަޔަކު ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް، އަދުލުއިންސާފު ގާއިމުކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ކޯޓުތަކަށް ކަމަށާއި ސުޕްރީމް ކޯޓަކީ އެބާރުގެ އެންމެ އިސް ފަރާތްކަމީ ވަންހަނާ ނުވާނެ މިންވަރަށް ގާނޫނު އަސާސީގެ ނައްސުތަކުން އެނގި ކަށަވަރުވާން އޮތް ކަމެކެވެ.'' އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިހާރު ޑީޖޭއޭގެ އަމަލުތައް ހުރި ގޮތުން ފަނޑިޔާރުންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް ދަތިވެ އަދުލްއިންސާފު ގާއިމް ކުރުމުގެ މުޅި ނިޒާމް ފުނޑުފުނޑުވެގެންދާނެ ކަމަށެވެ. އަދި ނިޒާމް ޕެރެލައިޒްކޮށް ވަކި ގޮތަކަށް ނިންމުންތަކެއް ނިންމައިފިނަމަ ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބިރު ދައްކައި އިންޒާރު ދިނުމަކީ މުޅި ދައުލަތުގެ އަސާސްތަކަށް ދެވޭ ހަމަލާއެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.