ޝަހީދާ އަބްދުﷲ ސައީދު
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތް ނިމި، މާދަމާ ހުކުމް އިއްވުމަށް ތާވަލު ކޮށްފައިވަނިކޮށް، ހަމަ އެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑާގެ ޝަރީއަތް ނިމި، މާދަމާ 1:00 އަށް ތާވަލުކޮށްފައިވަނިކޮށް، މިއަދު ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށް އެ މައްސަލައިގައި ބަޔާން ނެގުމުންނެވެ.
ފުލުހުންގެ މައި އިދާރާއިން ނުކުމެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލު ވިދާޅުވީ، ރައީސް ޔާމީނު މިއަދު ފުލުސް އޮފީހަށް ހާޒިރުކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ބަޔާނެއް ނެގުމަށް ކަމަށެވެ.
''ޝަރީއަތުގެ އަޑުއެހުން ނިމި، މާދަމާއަކީ ހުކުމް ކުރެވޭ ދުވަހަށްވާއިރު އަޅުގަނޑުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުގެ މައްޗަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވުމަކީ މިހާރު ގެނެސްފައިވާ ގާނޫނު އަސާސީ އާއި ގާނޫނު ތަންދޭ ކަމަކަށް ނުވާތީ ހިތާމަކުރަން. އަޅުގަނޑު ގަބޫލެއް ނުކުރަން މިހާރު ކުރިއަށް ގެންދާ ކަންތައްތައް ކުރިއަށް ގެންދަނީކީ ގާނޫނީ އިމުގެ ތެރެއިން ކަމަކަށް. ހަމަ މައުލޫއީ ގޮތެއްގައި އެއްމައްސަލައަކާ ގުޅޭގޮތުން ސުވާލުކުރުމަކީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ހިލާފު ކަމެއް،'' ޑރ. ޖަމީލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީނު މިއަދު ފުލުސް އޮފީހަށް ހާޒިރުކުރުމަކީ ސިޔާސީ ވަކި ފިކުރެއްގެ ބަޔަކު ހިތްހަމަ ޖެއްސުމަށް ކުރި ކަމެއް ކަމަށާއި އެކަންކުރީ ފުލުހުންގެ އިދާރާގެ މައްޗަށް ދައުލަތުގެ މުއައްސަސާތަކުން ނުފޫޒު ފޯރުވުމުން ކަމަށެވެ. ނަމަވެސް އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި ރައީސް ޔާމީނަށްކުރާ ތުހުމަތުން އެމަނިކުފާނު ބަރީއަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
''މިއަދުވެސް ސުވާލު ކުރެވުނީ މިހާރު ހިނގަމުންދާ ޝަރީއަތުގެ މައުލޫއީ ކަންކަމާގުޅޭ ގޮތުން. އެމްއެމްޕީއާރުސީގެ މައްސަލައިގައި ސުވާލުކުރިއިރު މިއީ މިހާރު ހުކުމަކާއި ހަމައަށް ގޮސް އޮތް މައްސަލައެއް. މިއީ އެއް ކަމަކަށް ދެ ފަހަރަށް ތަހުގީގު ކުރުން،'' ޑރ. ޖަމީލު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީލޯންޑްރިން މައްސަލައިގައި ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން މާދަމާ 13:00 އަށް ވަނީ ތާވަލު ކޮށްފައެވެ. އެމްއެމްޕީއާރުސީގެ މެދުވެރިކޮށް ހިންގި 3.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ސަރުކާރުން ތުހުމަތު ކުރެއެވެ.