ޝަހީދާ އަބްދުﷲ ސައީދު
ފަނޑިޔާރުންނާއި ކޯޓުތަކުގެ އިދާރީ ނިޒާމު ޕެރަލައިޒް ކޮށް، ވަކި ގޮތަކަށް ނިންމުންތަކެއް ނިންމައިފިނަމަ ފަނޑިޔާރުންނަށް ބިރު ދައްކައި އިންޒާރު ދިނުމަކީ މުޅި ދައުލަތުގެ އަސާސްތަކަށް ދެވޭ ހަމަލާއެއް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެ ދިގު ބަޔާނެއް ނެރުއްވާފައިވަނީ، ޑީޖޭއޭއަށް ހުރަސް އަޅަން ސުޕްރީމް ކޯޓުން އުޅޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައެވެ.
އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވީ، އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ކޯޓުތަކަށް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.
އެހެންކަމުން ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ޝަރީއަތްކުރުމުގެ އިތުރުން އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެހާ ކަންކަމާއި ގުޅޭގޮތުން ސިޔާސަތުތައް ކަނޑައެޅުމާއި އެ ސިޔާސަތުތައް ހިންގައި އެކަށައަޅައި ނިޒާމުތައް ގާއިމުކޮށް އެނިޒާމުތައް ހެޔޮ ގޮތުގައި ހިންގުމުގެ ހުރިހާ ކަމަކީ ފަނޑިޔާރުގޭގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވެފައިވަނީ، ފަނޑިޔާރުގޭގެ ދުސްތޫރީ އަދި ގާނޫނީ ބާރުވެރިކަން އެކަށައަޅާފައި އޮތް ނަމަވެސް، ގާނޫނު އަސާސީގެ މާއްދާތަކުގެ ބާރު ކެނޑޭގޮތަށް ކޯޓުތަކުގެ ކަންކަމާއި ބެހި ފަނޑިޔާރުގޭގެ މަސައްކަތާއި ބެހި ފަނޑިޔާރު ގޭގެ މަސައްކަތަށް ހުރަސްއަޅައި، ދަތިކުރުމުގެ ބީދައިން ޑިޕާޓްމަންޓްއޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން، ކޯތުތަކުގެ އެތެރޭގެ އިދާރީ ކަންކަމާއި އިދާރީ ނިޒާމުގެ ތެރެއަށް އަތްބާނަމުންދާ ކަމަށެވެ.
އޭގެއިތުރުން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ބާރު ކަނޑުވައިލައި ކޯޓުތަކުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަން ޑީޖޭއޭގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ ސުޕްރީމު ކޯޓަށް ލިބިފައިވާ ކަމަށް ބަޔާނުގައިވެއެވެ.
''ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމުވެސް އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރުންގެ އެއްވެސް ބާރެއް ނުހިނގާ ނިޒާމަކަށް ބަދަލުކޮށް، ކޯޓުގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސްއަޅައި، ދައުލަތުގެ ތިންބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ޕެރަލައިޒު ކުރުމަށް މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.'' އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދައުލަތުންނާއި ބުއްދި ސަލާމަތުން ހުރި އެއްވެސް ފަރާތަކުން ކޯޓުތަކަށާއި ފަނޑިޔާރުންގެ މަސައްކަތަށް ހުރަސްއަޅައި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ. އަދި ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންގެ އިދާރީ ނިޒާމަކީ ފަނޑިޔާރުންނާއި މުވައްޒަފުންގެ ބާރު ނުހިނގާ ނިޒާމަކަށްވެއްޖެނަމަ، އޭގެ ސަބަބުން ފަނޑިޔާރުންގެ މަސައްކަތަށް ގިރާނުކުރެވޭ ވަރުގެ ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
އެހެންކަމުން ސުޕްރީމް ކޯޓާއި އަދި އެހެން ކޯޓުތަކުގެ އެތެރޭގެ އިދާރީ ނިޒާމަށް ނުފޫޒު ފޯރުވައި، ކޯޓުން ބޭރުން އެހެން ފަރާތްތަކަށް ޖަވާބުދާރީވާންޖެހޭ ބަޔަކަށް ކޯޓުގެ މުވައްޒަފުން ހެދުމަކީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ. އާއި ހިލާފަށް ކަނޑައެޅިގެން ފަނޑިޔާރުންގެ މަސައްކަތާއި ބެހިގަތުން ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
''ދުސްތޫރީ އަދި ގާނޫނީ ނައްސުތަކަށް ބަލާއިރު، ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމާ ބެހޭ ސިޔާސަތުތައް، އުސޫލުތައް ކަނޑައަޅައި، އެކަށައެޅުމާއި އެސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ކޯޓު ހިންގުމުގެ ކަންކަމަކީ އުއްތަމަ ފަނޑިޔާރުގެ ބާރެއްނެތި، ޑީޖޭއޭ ނުވަތަ ޖޭއެސްސީ ނުވަތަ ދައުލަތުގެ އެހެންއެއްވެސް އިދާރާއެއް ނުވަތަ ފަރާތަކުން ކުރާކަމެއް ކަމަށް ހެދުމަށް މަސައްކަތްކުރުމަކީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ހިލާފަށް ކުރެވޭ ޣައިރު ދުސްތޫރީ، އަދި ޣައިރު ގާނޫނީ އަމަލެއްކަން ސާފެވެ.'' އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ގާނޫނު އަސާސީގެ 155 ވަނަ މާއްދާ އާއި 156 ވަނަ މާއްދާގައިވާ ގޮތުން ކޯޓުތައް ހިންގުމާގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނުތަކުގެ އިތުރުން ކޯޓުތަކުގެ ހިންގުމާއި އިދާރީ ކަންކަމާ ބެހޭ ގަވާއިދުތައް ހެދުމަކީ ކޯޓުތަކަށް އޮންނަ ބާރެކެވެ.
އެހެންކަމުން ގާނޫނު އަސާސީން އަދުލުއިންސާފު ގާއިމުކުރުމުގެ ބާރަށް ދީފައިވާ ހައިސިއްޔަތާއި ދައުރު ނިގުޅައި ނުގަނެވޭނެ ގޮތުގެ މަތިން ދުސްތޫރީ ގޮތުން ހެޔޮ އަސާސްތަކުގެ މަތީގައި ހަދާ ގާނޫނުތަކުގެ އިތުރުން ކޯޓުތަކުގެ އިދާރީ އެއްވެސް ކަމަކާ ބެހޭ ގޮތުން އެއްވެސް އުސޫލެއް ހެދުމަކީ ނުވަތަ ކަމެއް ކަނޑައެޅުމަކީ ޑީޖޭއޭ ވިޔަސް އަދި ޖޭއެސްސީ ކަމުގައި ވިޔަސް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ވިދާޅުވެފައިވެއެވެ.