އިބްރާހިމް ޒަކީ
ނ.ވެލިދޫގައި ހޮސްޕިޓަލެއް ގާއިމުކުރަން މިއަހަރުގެ ބަޖެޓްގައި ފައިސާ ހިމަނައި، އެ މަސައްކަތް ފަށާފައި ނުވާތީ، އެ މައްސަލައިގަ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުالله ޝަފީގު ހެލްތު މިނިސްޓަރު އަބްދުالله އަމީންއާ މާދަމާ ސުވާލު ކުރަން ހަމަޖެހިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެކަން އެޖެންޑާ ކޮށްފައިވާއިރު، މެންބަރު ވިދާޅުވެފައިވަނީ 2019 ވަނަ އަހަރަށް ދައުލަތުން ހުށަހެޅި ބަޖެޓުގައި ނ.ވެލިދޫގައި ހޮސްޕިޓަލެއް ގާއިމުކުރުމަށް ކަނޑައަޅާފައިވާއިރު އެ މަސައްކަތް ފެށުމަށްޓަކައި 10،678،260 (ދިހަ މިލިއަން ހަ ލައްކަ ހަތްދިހަ އަށްހާސް ދުއިސައްތަ ފަސްދޮޅަސް) ރުފިޔާ ބަޖެޓުގައި ހިމަނާ ފައިވާ ކަމަށެވެ.
މެންބަރު މިނިސްޓަރާ ކުރަން ހަމަޖެހިފައިވާ ސުވާލު ތަކުގެ ތެރޭގައި އެ ކަން ލަސްވާ ސަބަބު އޮޅުން ފިލުވުމުގެ އިތުރުން، ވެލިދޫގައި ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން ތާރީހެއްގައި ތޯވެސް ސުވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޅ. ހިންނަވަރާއި ނ. ވެލިދޫ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.
އަދި ނ. ވެލިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަން ޖެހޭ އިމާރަތް ޑިޒައިންކޮށް ބިލް އޮފް ކުއެންޓިޓީ (ބީއޯކިއު) ތައްޔާރުކޮށްދިނުމަށް ވެސް މީގެ ކުރިން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.