ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް މާދަމާ 1:00 ގައި ބާއްވަން ތާވަލް ކޮށްފިއެވެ.
ރައީސް ޔާމީންއަށް ހުކުމް އިއްވުން ތާވަލް ކޮށްފައި މިވަނީ، އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި ވާ ޖަހައިގެން ދަމާ ކުރެހުމެއް ހިމަނައިގެން ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައިވާ މައްސަލައެއް ހޫނު ވެފައި ވަނިކޮށެވެ.
އެމައްސަލައާ ގުޅިގެން ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް ބާއްވައި ހައިލަމް ގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައި، އެކަމަށް ބޭނުންވާ ތަހުގީގު ކޮމެޓީ އެކުލަވާލައިފައެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ މެންބަރުންތަކެއް ވަނީ އެ މައްސަލައިގައި އިސް ގާޒީ ހައިލަމަށް ފާޑު ވިދާޅުވެފައެވެ. އަދި އެ ކަމާ ގުޅިގެން ރައީސް ޔާމީންގެ މައްސައިން ހައިލަމް އެކަހެރި ކުރުމަށްވެސް ބައެއް މެންބަރުން ވަނީ ޖޭއެސްސީއަށް ގޮވާލައިފައެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގައި، ދެފަރާތުގެ ހުލާސާބަޔާން އިއްވާ ނިންމާލާފައިވަނީ، އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ޝަރީ އަތުގެ މަޖިލީހުގައެވެ.
އެދުވަހުގެ ޝަރިއަތުގެ މަޖިލީހުގައި ދައުވާ ލިބޭ ފަރާތުން ހުށަހެޅި ހުލާސާ ބަޔާނުގައި ދައުވާއިން ބަރީއަ ވުމަށް ދިފާއުގައި ގިނަ ކަންތައްތަކެއް ވަނީ ހުށަަހަޅައިފައެވެ. އަދި ޕީޖީގެ ޕްރޮސިކިއުޓާގެ ފަރާތުން ހުށަހެޅުއްވި ހުލާސާ ބަޔާނުގައިވެސް އެ ފަރާތުން ހުށަހެޅި ހެކިތަކަށް ބިނާކޮށް، ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ގިނަ ނުކުތާތަކެއް ވަނީ ހިމަނައިފައެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް އޭގެ އަސްލު އޮޅުވައިލި މައްސަލައިގައެވެ.
ދައުލަތުން ތުހުމަތު ކުރަނީ އެއީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ އަގުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އެއްމިލިއަން ޑޮލަރު ކަމަށެވެ.