ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަކީ އަމިއްލަ ނަފްސާއި އެހެން މީހުންގެ ހައްގުގައި ނަމަވެސް ކުރަންޖެހޭ މުހިއްމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
"ނެޝަނަލް ކޮންފަރެންސް އޮން ރިވައިޓަލިޒިން ޕަބްލިކް ހެލްތް"ގެ ނަމުގައި މިއަދު ހެނދުނު ފެށި އާންމު ސިއްހަތާބެހޭ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ބަލިތަކުން ރައްޔާތެރިވުމަށް އެދޭނަމަ އަބަދުވެސް ޑޮކްޓަރުންގެ އިރުޝާދު އަޑުއަހަން ޖެހޭނެ ކަމަށެވެ.
ޑޮކްޓަރުގެ އިރުޝާދު އަޑުއަހާ، އެއަށް އަމަލު ކުރުމުގެ އިތުރުން ސާފުތާހިރު ކަމަށާއި ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުމަކީ ކޮންމެ ދުވަހަކު ވެސް ކުރަން ޖެހޭ ކަންކަން ކަމަށާއި ހާއްސަކޮށް ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުން ކުރުމަށް ސަމާލުކަންދީ، އެކަމުގައި ކުޑަކުދިންނަށް ނަމޫނާ ދައްކަން ޖެހޭނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އާންމު ސިއްހަތުގެ ނިޒާމާއި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން މިހާރު ވެސް މައްސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށެވެ.
އެގޮތުން ތުއްތުކުދިންގެ ސިއްހަތާއި އެހެނިހެން ކަންކަން ގާތުން ބެލުމުގެ ފުރުސަތު މައިންނަށް ދިނުމުގެ ގޮތުން ސަރުކާރުން މައިންނަށް ވިހެއުމުން ދޭ ޗުއްޓީ އިތުރުކޮށްފައިވާއިރު ސަރުކާރުން ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފަށައިގެން ކުރިއަށްގެންދާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދުންފަތުން ލިބޭ ގެއްލުމުން މުޖްތަމައު ސަލާމަތް ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާކަން ފާހަގަކޮށް ނައިބް ރައީސް ވަނީ، އެހެން މީހުންގެ ސިއްހަތަށް ގެއްލުން ލިބޭފަދަ ގޮތްތަކަށް އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ނިމުމަކަށް ގެނައުމަށް ގޮވާލައްވައިފައެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އާންމު ސިއްހަތާބެހޭ މަހާސިންތާ މިއަދު ފަށާފައިވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ. މި މަހާސިންތާގައި އެކި މިނިސްޓްރީގެ އިތުރުން ސިއްހީ ދާއިރާގެ ބޭފުޅުންނާއި އެކި ޖަމާއަތްތަކުގެ ބޭފުޅުން ބައިވެރިވެ މައުލޫމާތު ދޭނެއެވެ.