ޚަބަރު

ހަފްތާއެއް ތެރޭ ދީބާޖާއަށް 348 މިލިޔަން ރުފިޔާ ނުދައްކައިފިނަމަ މިނިސްޓަރު ނަހުލާ ކޯޓަށް ހާޒިރުކުރަނީ

1

ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި ދައްކަންޖެހޭ 348.10 މިލިއަން ރުފިޔާ ދިނުމަށް ކޮށްފައިވާ ހުކުމް ހަފްތާއެއްގެ ތެރޭގައި ތަންފީޒު ނުކޮށްފި ނަމަ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ސިވިލް ކޯޓަށް ހާޒިރު ކުރާނެ ކަމަށް އެ ކޯޓުން އަންގައިފިއެވެ.

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ކުންފުންޏެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 348.10 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްދާ އިރު، އެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި، ކޯޓުން ބޭރުން ބޭރުން އެ މައްސަލަ ހައްލުކޮށް ބަދަލުގެ ގޮތުގައި ދީބާޖާއަށް ދޭން އަންގާފައިވާ ފައިސާ ހަފްތާއެއްގެ ތެރޭގައި ދިނުމަށް، ގާޒީ ވަނީ އަންގައިފައެވެ. ހަފްތާއެއްގެ ތެރޭގައި މައްސަލަ ހައްލު ނުކޮށްފިނަމަ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކޯޓަށް ހާޒިރު ކުރާނެ ކަމަށް ގާޒީ ވަނީ އަންގަވައިފައެވެ.

ދެހާސްދިހަ ވަނަ އަހަރު ދީބާޖާ އިންވެސްޓްމެންޓަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން ހަވާލުކުރިއެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ބާތިލްކުރިއެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟