ޚަބަރު

އައިޖީއެމްއެޗް ހިންގަނީ 200 ނަރުހުން މަދުކޮށް: ޓްރާންސިޝަން ކޮމިޓީ

އަހުމަދު ޖައިޝަން

1

އައިޖީއެމްއެޗް މިހާރު ހިންގަމުން ދަނީ އެތަނަށް ބޭނުންވާ ނަރުހުންގެ އަދަދަށްވުރެ 200 ނަރުހުން މަދުން ކަމަށް ޓްރާންސިޝަން ކޮމިޓީން ބުނެފިއެވެ.

ސިއްހި ދާއިރާގައި ހުރި ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ޓްރާންސިޝަން ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޝާހު މާހިރު ވިދާޅުވީ މިވަގުތު އައިޖީއެމްއެޗްއަށް 200 ވަރަކަށް ނަރުހުން މަދު ކަމަށާއި ވީހާވެސް އަވަހަށް 102 ނަރުހުން ބޭނުންވާ ކަމަށެވެ.

"އައިޖީއެމްއެޗް ހިންގުމުގެ މަސައްކަތް ކުރިއަށް ދަނީވެސް އެންމެ ބޭނުންވާ އަދަދުވެސް ނުލިބި،" އޭނާ ވިދާޅުވިއެވެ.

ނަރުހުންގެ އިތުރުން ޑޮކްޓަރުންވެސް އައިޖީއެމްއެޗްއަށް މަދު ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ސްޕެޝަލިސްޓު ޑޮކްޓަރުންގެ ތެރެއިން ބައެއް ދާއިރާތަކަށް ޑޮކްޓަރުންވެސް އެތަނުގައި ނެތް ކަމަށެވެ.

ޝާހު ވިދާޅުވީ އައިޖީއެމްއެޗްގައި ނިއުރޯ ސާޖަންއެއް ނެތް ކަމަށެވެ. އެހެންނަމަވެސް އެ ހިދުމަތަކީ އައިޖީއެމްއެޗުން ލިބެން ޖެހޭނެ ހިދުމަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އައިޖީއެމްޗްގައި ރަނގަޅު ޑޮކްޓަރުން މަސައްކަތް ނުކުރުމުގެ ފަހަތުގައި އޮތީ މުސާރައިގެ މައްސަލަތައް ކަން ޝާހު ފާހަގަކުރެއްވިއެވެ.

"ހުރިހާ ފަރާތްތަކުންވެސް އެބަ ވިދާޅުވާ ސްޓާފް ސެލެރީގެ މައްސަލަ. އެއީ އެ ފަރާތްތަކަށް އެކަށީގެންވާ މުސާރައެއް ނުލިބޭ ވާހަކަ. އޭގެ ސަބަބުން ރަނގަޅު ޑޮކްޓަރުން އައިޖީއެމްއެޗްގައި މަސައްކަތް ނުކުރައްވާ އެބަ މަސައްކަތް ކުރޭ ޕްރައިވެޓް ސެކްޓަރ ތަކުގައި،" އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟