ޚަބަރު

މަސްކިރުވަން ދަތިވެފައިވާ މައްސަލަ ހައްލު ކުރުމަށް ބަޖެޓުގައި 50.6 މިލިޔަން ރުފިޔާ

އިބްރާހިމް ޒަކީ

ރާއްޖޭގެ މަސްވެރިންނަށް މަސްކިރުވުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓްގައި 50.6 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާލުވެއްޖެއެވެ.

މިއަދު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، މަސްވެރިންނަށް ދިމާވެފައިވާ އެންމެބޮޑު ދައްޗަކީ މަސްވެރިން ބަނާ މަސް ކިރުވޭނެ ގޮތްތައް މަދުވުން ކަމަށެވެ.

އެ މައްސަލަ ހައްލު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި މިފްކޯގެ ދަށުން ހިންގާ ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކެޕޭސިޓީ އިތުރުކޮށް ވަސީލަތްތައް އިތުރުކުރުމަށް 50.6 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ޒަމާނީ ޓެކްނޮލިޖީ ބޭނުންކޮށްގެން ރާއްޖޭގައި ކުރާ މަސްވެރިކަން އިތުރުކުރުމުގެ ގޮތުން ވެލިއު އެޑެޑްކޮށް ރާއްޖޭގެ އެކި ހިސާބު ތަކުގައި ގޭދޮށު މަސް ފެކްޓްރީ އެޅުމުގެ މަސައްކަތް ކުރުމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.

އަދި ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމަކަށް ހެދުމަށް، މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.