ޖުޑީޝަލް ސާވިސް ކޮމިޝަން

ގާޒީ ހައިލަމްގެ ތަހުނިޔާ މެސެޖުގައި ރައީސް ސޯލިހުގެ ކަރުފުޅުގައި ޗޭނު ޖަހާފައި، މައްސަލަ ޖޭއެސްސީން ބަލަނީ

1

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީން މިކަން ހާމަކުރީ މީގެ އިރުކޮޅެއް ކުރީން އެ ކޮމިޝަނުން މީޑިއާ އަށް މައުލޫމާތު ދިނުމަށް ނެރުނު ބަޔާނެއްގަ އެވެ. ޖޭއެސްސީން ބުނީ ، އެ ކޮމިޝަނުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި، ހައިލަމް ގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށާއި އަދި އެކަމަށް ބޭނުންވާ ތަހުގީގު ކޮމެޓީ ވެސް އެކުލަވާލާފައިވާ ކަމަށެވެ.

ހައިލަމްގެ ސްލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމި އިރު، ނަސްރުގެ ދުވަހުގެ މުނާސަބާގައި އޭނާ ކޯޓުގެ ވައިބަރު ގުރޫޕަކަށް ފޮނުއްވި ކަމަށް ބުނާ ކުރެހުމެއްގެ ވާހަކަ ވަނީ މީސްމީޑިއާގައި އަދި މެއިން ސްޓްރީމް މީޑިއާގައި އާންމު ވެފަ އެވެ.

ހައިލަމް ފޮނުއްވި ކަމަށް ބުނާ، އެ ކުރެހުމުން ފެންނަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައިގެން ދަމާފައި ކަހަލަ ގޮތަކަށް ގެންދާ މަންޒަރެވެ. އެ ފޮޓޯގައި ކަރުގައި ޗޭނު ޖަހާފައި ދެން ތިބި މީހުންގެ ތެރޭގައި، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިނަ ވަނަ ދުވަހު ކުލީ ސިފައިން ގޮވައިގެން ދިވެހިރާއްޖެ އަޅުވެތިކުރަން ރާއްޖެއަށް އެރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރު ހިމެނެ އެވެ. އެ ޗޭނު ހިފައިގެން ކުރިޔަށް ހިނގާފައި ދަނީ ނޮވެމްބަރު ތިނެއްގައި ސިފައިންގޭގެ ދޮރާށި ބަލަހައްޓަން ހުރެ، ދުޝްމަނުންނާ ހަނގުރާމަކޮށް ޝަހީދުވި، ޝަހީދު ހުސެއިން އާދަމް އެވެ.

މއެ ކުރެހުމުގެ މަތީގައި "އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު" މިހެން ލިޔެފައި އޮވެ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޖޭއެސްސީން ހައިލަމްގެ މައްސަލަ ބަލަން މިއަދު ނިންމީ މި ކުރެހުމާ ގުޅިގެންނެވެ. އަދި މި މައްސަލަ އަކީ އެ ކޮމިޝަނުން އަމިއްލައަށް އިސް ނަގައިގެން ބަލަން ނިންމި މައްސަލައެއްކަން ވެސް ވަން އަށް ވަނީ އެނގިފަ އެވެ.

ގާޒީ އަހުމަދު ހައިލަމް ފޮނުއްވި ކަމަށް ބުނާ މި ކުރެހުން ލީކުވެ، އޭނާގެ މައްސަލަ ޖޭއެސްސީން ބަލަން ނިންމިކަން އެ ކޮމިޝަނުން ހާމަކޮށްފައިވާ އިރު، މަނީ ލޯންޑަރިންގެ މައްސަައިގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ހުކުމް އިއްވުން އޮތީ މާދަމާއަށް ތާވަލުކޮށްފަ އެވެ. އެ މައްސަލަ ބައްލަވަނީ ގާޒީ ހައިލަމް އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ހައިލަމް އައްޔަން ކުރެއްވީ ވެސް އަބްދުﷲ ޔާމީން އެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟