މުޅި ރާއްޖޭގައި ގައުމީ ދަތުރު ފަތުރުގެ ނިޒާމެއް ގާއިމް ކުރުމަށް އަންނަ 2020 ވަނަ އަހަރުުގެ ބަޖެޓްގައި 150 މިލިޔަން ރުފިޔާ ހިމަނާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާލުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2020 އަށް ލަފާކޮށް ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވި ދާޅުވީ، ޖަޒީރާ ރާއްޖޭގެ ސިޔާސަތުގައި ދެވަނައަށް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ބަޖެޓްގައި ހިމަނާފައި ވަނީ، ލުއި ފަސޭހަ ދަތުރު ފަތުރުގެ ނިޒާމަކުން ހުރިހާރަށް ރަށާއި އާބާދީތައް ގުޅައިލުން ކަމަށެވެ.
މިގޮތުން ރާއްޖޭގެ ގައުމީ ދަތުރު ފަތުރުގެ ނިޒާމް ގާއިމް ކުރުމަށް 2020 ވަނަ އަހރުގެ ބަޖެޓްގައި 150 މިލިޔަން ރުފިޔާ ހިމަނައިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި ނިޒާމުގެ ދަށުން ދަތުރު ފަތުރަށް ބޭނުންވާ ބާރު ދުވެލީގެ ޒަމާނީ ފެރީ ތަކާއި މިނިޒާމް ހިންގުމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި، އެހެން ކަހަލަ ވަސީލަތްތަައް ތަރައްގީކުރެވިގެންދާނެ ކަމަށެވެ.
އަދި އެއާޕޯޓްތައް ތަރައްގީ ކުރުމާއެކު ރަށްރަށުގެ ބަނދަރު ތައް އަޕްގްރޭޑް ކުރުމާއި ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ބޭނުންވާ ޓާމިނަލް ތަކާއި އެކަންކަމާގުޅޭ ވަސީލަތްތައް ތަރައްގީ ކުރުމަށްވެސް ބަޖެޓްގައި ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގައުމީ ތަރައްގީގެ ޕްލޭނާ ބެހޭގޮތުން ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމު ވިދާޅުވެފައިވަނީ ރާއްޖެ 15 ސަރަހައްދަކަށް ބަހާލައިގެން ގައުމީ ތަރައްގީގެ ޕްލޭން ރާވާފައިވާ ކަމަށެވެ.
ގައުމީ ދަތުރު ފަތުުރުގެ ނިޒާމަކުން ގާއިމް ކުރާ ފެރީ ނިޒާމަކުން 30 މިނެޓުން އެއާޕޯޓްތަކަށް ދެވޭ ހިސާބުތަކުގައި އެއާޕޯޓްތައް ތަރައްގީ ކޮށް މުޅި ރާއްޖޭގައި އެއާ ޓްރާންސްޕޯޓް ނެކްވޯކް ގާއިމް ކުރެވޭނެ ކަމަށްވެސް ޕްލޭނިންގ މިނިސްޓަރު ވިދާޅުވިއެވެ.