ޚަބަރު

ސޯޝަލް ހައުސިން އަށް އަންނަ އަހަރުގެ ބަޖެޓްގައި 600 މިލިޔަން

އިބްރާހިމް ޒަކީ

އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ސޯޝަލް ހައުސިން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އަންނަ 2020 ވަނަ އަހަރުގެ ބަޖެޓްގައި 600 މިލިޔަން ރުފިޔާ ހިމަނާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާލުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2020 އަށް ލަފާކޮށް ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވި ދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި 20،000 އާއިލާއަކަށް ހައުސިން ޔުނިޓް ހޯދައިދިނުމަށް ވެވަޑައިގެންފައިވާ ވައުދު ފުޅުގެ ދަށުން އަންނަ އަހަރު 10،000 ހައުސިން ޔުނިޓް ގާއިމް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އަންނަ އަހަރު ފަށަން ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކަށް ބޭނުންވާ އިކުއިޓީގެ ގޮތުގައި 600 މިލިޔަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

2023 ގެ ނިޔަލަށް 20،000 އާއިލާއަކަށް އާ ހައުސިން ޔުނިޓްތަކެއް އަޅައިދީ އެ ޔުނިޓްތައް ބޭނުން ކުރަން ފެށޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓަރު މިއަދު ވިދާޅުވީ، ހައުސިން ޔުނިޓްގެ އިތުރުން ކުޑަ އިންޓްރެސްޓުގައި ގެދޮރު އިމާރާތް ކުރުމަށް އަންނަ އަހަރު ލުލި ލޯނު ދޫ ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.