ޚަބަރު

ޕީއެސްއައިޕީ އަށް 10.2 ބިލިޔަން ބަޖެޓްގައި ވަނީ ހިމަނައިފަ

އިބްރާހިމް ޒަކީ

2020 ވަނަ އަހަރުގެ ބަޖެޓްގައި ޕީއެސްއައިޕީ އަށް 10.2 ބިލިޔަން ބަޖެޓް ކޮށްފައި ވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2020 އަށް ލަފާކޮށް ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވި ދާޅުވީ، މިއީ މިހާތަނަށް އެންމެ ބިޔަ ޕީއެސްއައިޕީ ޕްރޮގްރާމް ހުށަހަޅާ ބަޖެޓް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހުރިހާ ރަށެއްގައި ފެނާއި ނައުދަމާގެ ނިޒާމް ގާއިމް ކުރުމަށް ސައުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ޕީއެސްއައިޕީ ޕްރޮގްރާމްގެ ދަށުން މަސައްކަތް ކުރިއަށް ގެންދަން 2020 ބަޓެޓްގައި އިސްކަން ދީފައިވާނެ ކަމަށެވެ.

އެގޮތުން މިއަހަރު އަމަލިީ މަސައްކަތް ފެށި ހުރިހާ ރަށެއްގައި މަަސައްކަތް ކުރިއަށް ގެންދިއުމަށާއި، ބޯފެނާއި ނަރުދަމާނެ ނިޒާމް ގާއިމް ނުކުރެވިވާ ހުރިހާ ރަށެއްގައި އަންނަ އަހަރާއި 2021 ވަނަ އަހަރު އެ މަސައްކަތްތައް ފެށުމަށް ހިމަނާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދައުލަތުން ރައްޔިތުންނަށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގެ ހިދުމަތް ދޭން ހިމަނާފައިވާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ގޮތުގައި 37.54 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ހުށަހަޅުއްވައިފައެވެ.