އިބްރާހިމް ޒަކީ
2020 ވަނަ އަހަރުގެ ބަޖެޓަކީ އެންމެހާ ރައްޔިތުންނަށް ގަދަރުވެރި ދިރިއުލުމެއް ހޯދައި ދިނުމަށް މަގުފަހިކޮށްދޭނެ ބަޖެޓެއްކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2020 އަށް ލަފާކޮށް ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ބަޖެޓަކީ ރައްޔިތުންނަށް ބުރަ ބޮޑު ނުވާނެ ގޮތަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށެވެ.
މި ބަޖެޓުން ގަދަރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މިއަދު ވަނީ 37.504 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފައެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ޖުމުލަ ހަރަދަކީ، 35،600 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން މި ބަޖެޓަކީ، 5678 ބިލިއަން ރުފިޔާއިން ޑެފިސިޓް (ދަރަނި) ބަޖެޓެކެވެ. ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އަދަދަކީ 29،922 ބިލިއަން ރުފިޔާ އެވެ.
މިއީ މި އަހަރުގެ ބަޖެޓަށް ވުރެ 8.5 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ.
ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 37.504 ބިލިއަން ރުފިޔާގެ ބަޖެޓުން ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ ޖުމްލަ 35.6 ބިލިއަން ރުފިޔާ ކަމަށެވެ.
ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑުބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާ ކުރުމަށް ދައްކާ 1.9 ބިލިޔަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.
ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވެނީ، 29.9 ބިލިޔަން ރުފިޔާ ކަމަށާއި އެހެންކަމުން ބަޖެޓް ޑެފިސިޓް ވާނީ 5.7 ބިލި ރުފިޔާއިން ކަށާއި، ޖީޑީޕީގެ ނިސްބަތުން އެއި 5.8 ޕަސެންޓް ކަމަށްވެސް ވިދާޅުވިއެވެ.
ބަޖެޓްގައި އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ މައިގަނޑު ފަސް ދާއިރާއަކަށް އަމާޒު ކޮށްފައިވާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓެކްސްގެ ގޮތުގައެވެ. އެއީ އާމްދަނީގެ 48 ޕަސެންޓް ކަމަށް ވާ 17.8 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާގެ އިތުރުން ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން 5.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ހިމަނައިފައެވެ.