ޚަބަރު

ނޮވެމްބަރު ތިނެއް ފަދަ ނުރައްކާތެރި ހާދިސާތައް ނޭނގޭ މީހުންނަށް އެކަންކަން އުނގަންނައިދޭން ޖެހޭ: ފާރިސް

މަރިޔަމް ޝަހުދާ

1

ނޮވެމްބަރު ތިނެއް ފަދަ ނުރައްކާތެރި ހާދިސާތައް ނޭނގޭ މީހުންނަށް އެކަންކަން އުނގަންނައިދޭން ޖެހޭ ކަމަށް މަޖިލީހުގެ ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ.

ފާރިސް މިހެން ވިދާޅުވެފައި ވަނީ ރޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމް އިން ބޭއްވި ނަސްރު ދުވަހުގެ ހާއްސަ ޖަސްލާގައި ވާހަކަ ދައްކަވަމުންނެވެ. ފާރިސް ވިދާޅުވީ އެފަދަ ހާދިސާތަކަކީ އެހާދިސާތަކުގެ ވާހަކަ އަބަދުވެސް ދައްކަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި މި ހާދިސާތައް އެނގޭ މީހުން، އަޅުގަނޑުމެންތެރޭ ތިބި މިހާދިސާ ނޭނގޭ މީހުންނަށް އެކަންކަން ކިޔައިދޭން ޖެހޭ ކަމަށް ފާރިސް ވިދާޅުވިއެވެ.

ޒުވާނުންނަށް އެފަދަ ކަންކަން ތަޖުރިބާ ކުރެއްވި ބޭފުޅުން ތަކުރާރުކޮށް މި ހާދިސާތައް ކިޔައި ދިނުމުން މިފަދަ ކަންކަމީ ގައުމުތަކަށް ދިމާވާ ހާދިސާތަކެއްކަން އިގިގެންދާނެ ކަމަށް ފާރިސް ވިދާޅުވިއެވެ. އަދި އެހެން ގައުމުތަކަށް މެދުވެރިވާނެ ހާލަތު އެނގޭނެ ކަމަށާއި، މިކަމުގެ ސަބަބުން އަމިއްލަ މިނިވަން ކަމާމެދު ޒުވާނުން ވިސްނާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ އަހަރެމެން ކަން ފަސޭހަކޮށްލަން އަދި ނުވާ ކަމަށެވެ. އަދި ނޮވެމްބަރު ތިނެއްގެ ހާދިސާ ދުވަސްވަރު ދުނިޔެ ތަހުޒީބު ވި މިންވަރަށްވުރެ މިހާރު ދުނިޔެ ތަހުޒީބު ވާނެ ކަމަށް ގަބޫލުކުރައްވާކަމަށް ފާރިސް ވިދާޅުވިއެވެ. ނަމަވެސް މިފަދަ ހާދިސާތަކަކީ އެކަމެއް ދިމާވުމަށް މާބޮޑެތި ސަބަބުތަކެއް ބޭނުންވާ ކަންކަން ނޫން ކަމަށް ފާރިސް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ފާރިސް ވަނީ އެދުވަހު ދިވެހި ސިފައިންނާއި ދިވެހި ރައްޔިތުން ދެއްކެވި ހިތްވަރާއި ސާބިތުކަމަށް ތައުރީފު ކުރައްވާފައެވެ. އަދި ރާއްޖޭގައި ކިތަންމެ ހިޔާލު ތަފާތުވުން ތަކެއް އޮތް ނަމަވެސް، ދެވަނަ ފަހަރަށް މިފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ ދިވެހިން ވަކި ފިކުރަކަށް، ކުލައަކަށް ބެލުމެއް ނެތި ގައުމައްޓަކާ ތެދުވާނެކަމަށް ގަބޫލުކުރައްވާ ކަމަށް ފާރިސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟