ގއ. އަތޮޅުގައި ހިންގާ ރެސިޑެންސް މޯލްޑިވްސް އެޓް ފަޅުމާފުށި ރިސޯޓުގައި މަސައްކަތްކުރާ ފޮޓޯގުރާފަރެއްގެ ގައިގާ އެ ރިސޯޓުގައި ހުރި ފަތުރުވެރިއަކު ތަޅާ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ، އިއްޔެ ހަވީރު 5:17 އެހާކަންހާއިރު އެ މާރާމާރީ ހިންގާފައިވަނީ އެ ރިސޯޓުގައި ހުރި އިންޑިއާގެ ފަތުރުވެރިއެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީ ހިންގީ އެރަށުގައި މަސައްކަތްކުރާ އުމުރުން 18 އަހަރުގެ ފޮޓޯގުރާފަރަކާއެވެ.
ފުލުހުން ބުނީ، މާރާމާރީ ހިންގާފައިވަނީ ފޮޓޯގުރާފަރު ނެގި ބައެއް ފޮޓޯ ތަކަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް މާރާމާރީއާ ގުޅިގެން ފޮޓޯގުރާފަރަށް ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފޮޓޯގުރާފަރު އަމިއްލައަށް ވިލިނގިއްޔަށް ގޮސް ހުށަހެޅި އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އޭނާގެ ބަޔާން ނަގައި މައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ. އަދި މިއަދުގެ ވަގުތެއްގައި އެ ރިސޯޓަށް ގޮސް، އެތަނުން ނަގަންޖެހޭ ބަޔާންތައް ވެސް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ފުލުހުން އެއްވެސް އިރަކު މަސައްކަތް ކޮށްފައިނުވާ ކަމަށާއި އެ މައްސަލައާ ގުޅިގެން އަދިވެސް އެ ރިސޯޓުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.