ޚަބަރު

ހެންވޭރު ބޮޑު އަލިފާނުން މީހުން ސަލާމަތްކުރުމުގައި އުޅުނު ސިފައިންނަށް މެޑަލް ދީފި

1

މިދިޔަ ސެޕްޓެމްބަރު މަހު ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި މީހުންގެ ފުރާނަ ސަލާމަތްކުރުމުގައި އުޅުނު ސިފައިންގެ ނުވަ ބޭކަލެއްގެ އަގުވަޒަންކޮށް، އެމީހުންނަށް މެޑަލް ދީފިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން މިރޭ ސިފައިންގެ ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާގައި ސިފައިންގެ ނުވަ ބޭކަލުންނަށް ދީފައިވަނީ "ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް"އެވެ. އެ ނުވަ ބޭކަލުންނަށް މެޑަލް ދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިއީ އަމިއްލަ ނަފްސަށް ލިބިދާނޭ އެއްވެސް ގެއްލުމަކަށް ބެލުމެއްނެތި އިންސާނެއްގެ ފުރާނަ ސަލާމަތްކުރުން ނުވަތަ އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކުރި މިންވަރު ބަލާ މި މެޑެލި ދިނުމަށް ހައްޤުވާކަން ސާބިތު ވުމުން ދެވޭ މެޑެއްޔެކެވެ.

  • ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް ލިބުނު ސިފައިންގެ ބޭކަލުން:
  • ސާޖަންޓް އަހްމަދު ސައީދު
  • ސާޖަންޓް މަހުފޫޒް އަބްދުއްރަޝީދު
  • ސާޖަންޓް އަލީ ރިޒްވީން
  • ސާޖަންޓް އާދަމް ފަޒީލް
  • ސާޖަންޓް ހުސައިން އަންވަރު
  • ކޯޕްރަލް އަހްމަރު އަނަސް ޒަކީ
  • ކޯޕްރަލް އަހްމަދު ހިޝާމް
  • ކޯޕްރަލް ޝަހުދާން ނަސީމް
  • ޕްރައިވެޓް އިސްމާއިލް ރިހުޝާން

އެމްއެންޑީއެފުން ބުނީ، ސިފައިންގެ އެ ނުވަ ބޭކަލުންނަށް މެޑަލް ދިނީ އަލިފާން އެންމެ ބޮޑަށް ރޯވި ގެތަކަށް އެކި ފަހަރު މަތިން ވަދެ އެކި ފަންގިފިލާތަކުގައި ތިބި މީހުން ސަލާމަތްކުރުމަށް ދެއްކި އާދަޔާ ހިލާފު ހިތްވަރަށާއި އަދި އަލިފާންގަނޑު ނިންވުމުގައި ވެސް އެ ސިފައިން މަސައްކަތްކޮށްފައިވާތީ ކަމަށެވެ.

ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު އަދި އެންމެ ގިނަ ގެއްލުންތައް ވެސް ލިބުނު ހާދިސާއެވެ.

އެގޮތުން އެ ހާދިސާގައި ލިބުނު ގެއްލުން 36 މިލިއަން ރުފިޔާއަށްވުރެ ބޮޑު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނާއިރު އެ ހާދިސާގައި އުމުރުން 46 އަހަރުގެ އަންހެނެއް ވެސް ވަނީ މަރުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟