ޚަބަރު

ސިފައިންގެ ހުވާގައި ސާބިތުވެ ތިބެ ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމަށް ރައީސް ނަސޭހަތްތެރިވެ ވަޑައިގެންފި

ދިވެހި ސިފައިންކުރާ ހުވާގެ މަތީގައި ސާބިތުވެ ތިއްބަވައިގެން ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމަށް ދިވެހި ހުރިހާ ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން މިރޭ ސިފައިންގެ ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނޮވެމްބަރު 3، 1988 އަކީ ދިވެހިން ތަޖުރިބާކުރި ހިތްދަތި އަދި ކަޅު ދުވަހެއް ކަމަށާއި އެ ހާދިސާއިން އެތައް އިބުރަތަކާއި ފިލާވަޅެއް ލިބިއްޖެ ކަމަށެވެ.

އެގޮތުން އެ ހާދިސާއިން ލިބިގަންނަންވީ އެންމެ މުހިންމު ފިލާވަޅަކީ ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކާ ކުރަންވީ ކަންކަމަކީ ކޮބައިކަމާއި އެފަދަ ކަމެއް ހިނގިޔަ ނުދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

ޖަލްސާގައި އަލަށް ސިފައިންގެ ހިދުމަތާ ގުޅުނު ސިފައިން ކުރެއްވި ހުވަޔަށް އިޝާރާތް ކުރައްވާ އެމަނިކުފާނު ވިދާޅުވީ، މާތް ﷲ ގަންދީ ކުރެއްވި އެ ހުވާގައި ގާނޫނުއަސާސީ ދިފާއު ކުރުމާއި އިސްލާމްދީނާއި ގައުމު ދިފާއު ކުރުމަށާއި ދުޝްމަނުންނާއި ބާޣީންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކުރައްވައި ހަށިގަނޑާއި ފުރާނައިން ޤުރުބާންޖެހިއްޖެ ހާލަތެއްގައި ކެރިގެން ތިބެ ޤުރުބާން ވުމަށް ބުނެފައިވާ ކަމަށެވެ.

"..އެ ހުވާގެ މަތީގައި ސާބިތުވެ ތިއްބަވާ ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމަށް ނަސޭހަތްތެރިވަން. އެ ހުވާގެ މަތީގައި ދެމިހުރިކަން ކޮންމެ ބޭފުޅެއްގެ އަމަލާއި ބަހުން ސާބިތުކޮށްދިނުމަކީ ސިފައިންގެ ކޮނޑުގައި އޭޅިގެންދާ ވަރަށް މަތިވެތި ގައުމީ ޒިންމާއެއް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ނޮވެންބަރު ތިނެއްގެ އުދުވާނުގައި ވެސް އަދި އޭގެ ފަހުން ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާ އާއި މިފަހުން ހިނގައިދިޔަ އަލިފާނުގެ ހާދިސާތަކުގައި ވެސް ދިވެހި ސިފައިންނާ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ ދިވެހިންގެ އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ ރީތި ނަމޫނާއެއް ކަމަށެވެ.

"...މިގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ހަށިގަނޑައި ފުރާނައިން ޤުރުބާންވާން ތައްޔާރަށް ތިބި ފަހުރުވެރި ރައްޔިތުންތަކެއް ދިރި އާލާވަމުން އަންނަކަމަކީ ހަމަޖެހުމާއި ސުލްހަމަސަލަސްކަމަށް ރައްޔިތުން އިސްކަންދޭ ކަމުގެ އަލިގަދަ ހެއްކެއް. އެފަދަ ރައްޔިތުންތަކެއް އުފެދިގެން އަންނަނީ ރައްޔިތުންނާއި އަސްކަރިއްޔާއާ ދެމެދު އޮންނަ ފުރިހަމަ އިތުބާރާއި ބަދަހި ގުޅުންތަކުގެ ސަބަބުންކަން ޔަގީން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހި ސިފައިންގެ ކޮންމެ މީހެއްގެ ހަނދާނުގައި އެންމެ ބޮޑަށް ހަރުލާފައި ހުންނަން ޖެހޭނީ ސިފައިން ކޮށްފައިވާ ހުވާ ކަމަށެވެ. އެގޮތުން އާންމު ރައްޔިތެއްގެ ހައިސިއްޔަތު ދޫކޮށް ސިފައިންގެ މީހަކަށް ބަދަލުވުމާއެކު ސިފައިންގެ ކޮނޑުގައި އެޅިފައިވަނީ ވަރަށް މަތިވެރި އަދި އެހާމަ ނުރައްކާތެރި ގައުމީ ވާޖިބެއްކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

"ރައްޔިތުންގެ އިތުބާރަކީ ތިޔަ ސިފައިން. އެ އިތުބާރު ހިފެހެއްޓޭނީ ސިފައިންގެ ކޯޑް އޮފް އެތިކްސް އަށް ފުރިހަމައަށް އަމަލުކޮށް، އަސްކަރީ އަހުލާގުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބެގެން. އެހެންކަމުން ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުން މަތީގައި ދެމިތިބުމަށް ދިވެހި ހުރިހާ ސިފައިންނަށް އަޅުގަނޑު އިލްތިމާސް ކުރަން،" ރައީސް ވިދާޅުވިއެވެ.