ޚަބަރު

މިއަދުވެސް ސިފައިން ތިބޭނީ ދައުލަތާއި ވެރިކަން ހިމާޔަތްކުރަން ކެރިގެން ތައްޔާރަށް: ޝަމާލު

ނޮވެމްބަރު 3، 1988 ވަނަ ދުވަހު ސިފައިން ކުރި ހިތްވަރު ހިތްވަރު ލިބިގަނެ، މިއަދުވެސް ސިފައިން ތިބޭނީ ދިވެހި ދައުލަތާއި ގާނޫނީ ވެރިކަން ހިމާޔަތްކޮށް ދިފާއު ކުރުމަށް ކެރިގެން ތައްޔާރަށް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެއެވެ.

ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ނަސްރުގެ ދުވަހަކީ ސިފައިންގެ ޤުރުބާނީގެ ދުވަސް ކަމަށެވެ. އަދި ދައުލަތާއި ވަތަނުގެ މިނިވަންކަން ހިމާޔަތްކުރުމަށް މިއަދު ވެސް ދިވެހި ސިފައިން އެ ޤުރުބާނީ ވާނެ ކަމަށް ވިދާޅުވިއެވެ.

"އެދުވަހު ސިފައިން ކުރި ގަދަފަދަ ހިތްވަރުން ހިތްވަރު ލިބިުގަނެ، އެދުވަހެކޭ އެއްފަދައިން މިއަދުވެސް ދިވެހި ސިފައިން ތިބޭނީ ދިވެހި ދައުލަތާއި މި ލޮބުވެތި ވަތަނުގެ މިނިވަންކަމާއި ގާނޫނީ ވެރިކަން ހިމާޔަތްކޮށް ދިފާއު ކުރުމަށް ކެރިގެން ތައްޔާރަށްކަމުގައި ލޮބުވެތި ދިވެހި ރައްޔިތުންނަށް އަޅުގަނޑު ޔަގީންކަން އަރުވަން،" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

މީގެ 31 އަހަރު ކުރި އާއި މިހާރާ އަޅާބަލާއިރު ދުނިޔެއަށް ވެސް ބޮޑެތި އަވަސް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާ ޝަމާލު ވިދާޅުވީ، ދުނިޔޭގެ ސަލާމަތީ ވެއްޓަށް އައިސްފައި މިވަނީ ކުރިން އަންދާޒާ ނުކުރެވޭފަދަ ބޮޑެތި ބަދަލުތަކެއް ކަމަށެވެ.

އެ ބަދަލުތަކާއެކު ކުރިމަތިވާ ނުރައްކާތަކާއި ގޮންޖެހުންތަކުން ސަލާމަތްވުމަށް ގައުމުތަކުން ކުރިން ގެންގުޅުނު ސިޔާސަތުތަކާއި އުސޫލުތައް ބަދަލު ކޮށްފައިވާ ކަމަށާއި އެގޮތުން ދިވެހި އަސްކަރިއްޔާ ވެސް ޒަމާނީ އެކަށޭނެ ބަދަލުތަކެއް ގެނައުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ ފަންނީ ހުނަރު ކުރިއަރުވައި ތައްޔާރީ ހާލަތު އިތުރު ކުރުމާއި ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދައި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ހަރުދަނާކޮށް ތަރައްގީކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޝަމާލު ވިދާޅުވިއެވެ.

އެގޮތުން ދިވެހި އަސްކަރިއްޔާ މުޅިން އާ ހަަރުފަތްތަކަކަށް އުފުއްލައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ކޮމާންޑާ އޮފް ޗީފް، އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ އިސްކަމާއި އަހަމިއްޔަތުކަން ފާހަގަކޮށް އެމަނިކުފާނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އޭގެ އިތުރުން ދިފާއީ ދާއިރާއިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރައްވާ މަސައްކަތްތައް ވެސް ފާހަގަކޮށް އޭނާ ވަނީ އެކަމަނާއަށް ޝުކުރު އަދާކުރައްވައިފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް އިތުރަށް ވަނީ، ނޮވެމްބަރު 3، 1988 ގައި ބާޣީންނާ އެންމެ ފުރަތަމަ ކުރިމަތިލައި ޝަހީދު ވެގެންދިޔަ ކޯޕްރަލް ހުސެއިން އާދަމް، ދީނާއި ގައުމަށްޓަކާ ލެޔާއި ފުރާނައިން ވެވަޑައިގެންނެވި ޤުރުބާނީ އާއި އެންމެ ފަހު ނޭވާއަށް ޖެހެންދެން ސާބިތުވެ ހުންނަވާ ފިދާވެ ވަޑައިގެންނެވި ގޮތް އެއީ ނަމޫނާ އަދި ވަރުގަދަ ގައުމީ މިސާލެއް ކަމަށް ވިދާޅުވެފައެވެ.

"މި މުގައްދަސް، މި އުފާވެރި ނަސްރުގެ ދުވަހު ޝަހީދު ކޯޕްރަލް ހުސެއިން އާދަމްގެ ހަޔާތުން އިބްރަތް ހާސިލުކުރުމަށް ދިވެހި ޒުވާނުންނާއި ދިވެހި ސިފައިންނަށް އަޅުގަނޑު އިލްތިމާސްކުރަން،" ޝަމާލު ވިދާޅުވިއެވެ.